ހުޅުމާލޭގެ ހިޔާ ފްލެޓްތައް ސަރަހައްދުގައި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، އެ މިސްކިތް މިއަދު ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު ކަމަށެވެ.
އެ މިސްކިތަކީ ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ހަރަދުކޮށް، ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހެދި މިސްކިތެކެވެ. ހިޔާ ފްލެޓްތައް ކައިރީގައި ހެދި ފުރަތަމަ ވަގުތީ މިސްކިތުގެ މަސައްކަތްވެސް ކުރީ އެ ކުންފުނިންނެވެ.
މިއަދު ހުޅުވި މިސްކިތަކީ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ހިޔާ ސަރަހައްދުގައި އިތުރު މިސްކިތެއް ހުޅުވިއިރު، އިސްލާމިކް މިނިސްޓްރީން އަންނަނީ ރޯދައަށް އިތުރު މިސްކިތްތައްވެސް ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މާފަންނު އާ މިސްކިތް މާދަމާ އަސުރު ނަމާދަށް ހުޅުވަން ނިންމާފައިވާއިރު، އާރްސީސީން ހުޅުމާލޭގައި ހެދި މިސްކިތް ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހިޔާ ސަރަހައްދުގައި އިތުރު ވަގުތީ މިސްކިތެއް ހުޅުވިއިރު، އެ ސަރަހައްދުގައި ޖާގަ ބޮޑު މިސްކިތެއް އެޅުމަށް 30،655 އަކަފޫޓުގެ ބިމެއް އެޗްޑީސީން ވަނީ އިސްލާމިކް މިނިސްޓްރީއަށް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު