ހުޅުމާލެ ފޭސް ދޭއްގައި ސައިކަލަކާއި ހެވީ ވެހިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:30 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ބްރިޖުން ދުއްވާފައި ދިޔަ ހެވީ ލޯޑް ވެހިކަލަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

މަންޒަރު ދުށް މީހަކު "ވަން" އަށް ބުނީ އަންހެން މީހާ ދުއްވި ސައިކަލް އޮތީ ހެވީ ވެހިކަލްގެ ފުރޮޅު ދަށުވެފައި ކަމަށެވެ. އަދި ސައިކަލަށްވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.