ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ރޭ ނިމިއްޖެއެވެ. ޗެމްޕިއަން ޓީމަކީ އަނެއްކާވެސް، ތ. ތިމަރަފުއްޓެވެ. މެޗަކުން ބަލިނުވެ، ތިމަރަފުށިން ލިޔެލީ ތާރީހެވެ. އެ ތާރީހަކީ މުބާރާތް ދިފާއުކުރި ފުރަތަމަ ޓީމުގެ ތާރީހެވެ. މުބާރާތް ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ތާރީހެވެ. އުފާވެރިކަމުގެ ބޮޑު ރެއެކެވެ. އެ އުފާވެރިކަން ހާއްސަވި އެއް ފަރާތަކީ މުބާރާތުގެ "ފުޓްސަލް ކިންގް" ގެ މަގާމު ހޯދައި، ރަން ތާޖު އަޅާލި އިބްރާހީމް އަސްވަދު (ގަބޭ) އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު ގަބޭއަށް އެރުވި ޝަރަފު ފޮޓޯތަކުންވެސް ހާއްސައެވެ.
"އެންމެ ފުރަތަމަ ކަމަކަށް އަލްހަމްދުލިﷲ. ތަށި ކާމިޔާބުކުރެވުނީ އެންމެ ފުރަތަމަ ދުވަހުވެސް މިކަމަށް ކުރި ބުރަ މަސައްކަތުން. މިކަންވީ ވަރަށް ބައިވަރު މީހުންގެ ސަޕޯޓާއެކު. ބައިވަރު ގޮން ޖެހުންތަކަކާވެސް އެކު ކުރިމަތިލީ. އެކަމަކުވެސް މިކަން މިއޮތީ ކާމިޔާބު ވެފަ. ވީހާވެސް ގިނައިން ތިމަރަފުއްޓަށް ސަޕޯޓުކޮށްދިން، އަތޮޅުގެވެސް ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރޭގެ މެޗަށްފަހު އުފަލުން ފޮޅިފައިހުރި ގަބޭ މީޑިއާތަކަށް ބުންޏެވެ.
މުބާރާތުގެ "ކިންގް" ކަމަކީ ގަބޭ ކޮންމެހެން ބޭނުންވި މަގާމު ނޫންކަން އޭނާގެ ވާހަކައިން ސާފުކޮށްލަދިނެވެ. އިންޑިވިޖުއަލް އެވޯޑަކަށް ފޯކަސް ކުރުމަށްވުރެ ބޮޑަށް ތަށި ދިފާއުކުރަން ގަބޭގެ ބޮޑު ފޯކަސްއެއް ހުރިކަންވެސް އޭނާގެ ވާހަކައިން ޔަގީންވިއެވެ.
"ހީއެއް ނުކުރަން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބޭނެ ކަމަކަށްވެސް. އެ މަގާމު ލިބޭނެ ކަމަކަށް އުންމީދެއްވެސް ނުކުރަން. އެގޮތަށް އަމާޒު ހިފުމަށްވުރެ ބޮޑަށް ބެލީ ތަށި ހޯދަން. ވަކި ވަކި މަގާމެއް ނުލިބުނަސް އެގޮތަށް ކަންބޮޑެއްވެސް ނުވޭ. އެކަމަކު ތަށި ލިބުނީމަ ވަރަށް ބޮޑަށް އުފާވޭ. ހިތްހަމަޖެހެނީ ތަށި ދިފާއުކުރެވުނީމަ،" ގަބޭ ބުންޏެވެ.
ނުވަދިހަ އެއް ރަށެއް ބައިވެރިވެ، ހާހަކަށްވުރެ ގިނަ ކުޅުންތެރިން ތަމްސީލުކުރި މުބާރާތެއްގެ އެންމެ ޝަރަފުވެރި މަގާމު، "ކިންގް" އެއްގެ ރަން ތާޖު ބޮލުގައި އަޅައިލުމަކީ އުފަލެއް ނަމަވެސް ގަބޭގެ ނަޒަރުގައި އޭނާއަކީ އަދިވެސް "އެންމެ މޮޅެއް" ނޫނެވެ. އެ މަގާމާ ގުޅޭގޮތުން ގަބޭ ދިން ކޮންމެ ޖަވާބަކީވެސް އިހުތިރާމުގެ ޖަވާބެކެވެ. ހިތްތިރިވެސް ޖަވާބުތަކަކެވެ.
"'ކިންގްގެ މަގާމު ލިބުނީމަ ވަރަށް އުފާވޭ. އެކަމަކު ގަބޫލުކުރަނީ އަޅުގަނޑަށްވުރެ މޮޅެތި ކުޅުންތެރިން މި މުބާރާތުގައިވެސް ފެނިފަ ހުންނާނެ ކަމަށް. އަޅުގަނޑަށް މަގާމު ލިބުނީ އިންތިޒާމު ކުރި ފަރާތަށް ކުޅުން ފާހަގަވީމަ ކަމަށް ވެދާނެ. އެހެންވިޔަސް އަޅުގަނޑަށްވުރެ މޮޅެތި ކުޅުންތެރިން މި މުބާރާތުގަވެސް ކުޅެފަ ހުރެދާނެ. އެކަންކަން ގަބޫލު ކުރަން." ގަބޭ ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ގަބޭގެ ނަޒަރުގައި އެންމެ ފުރިހަމަ އަދި އެންމެ ބޮޑު މުބާރާތެވެ. މުބާރާތުގެ އިންތިޒާމުގެ ފުރިހަމަ ކަމަށް "ބުނާނެ އިތުރު އެއްޗެއް ނެތް" ކަމަށް ގަބޭ ފާހަގަކުރިއެވެ. ގަބޭގެ ނަޒަރުގައި މުބާރާތް ވެގެން ދަނީ ޕްލެޓްފޯމަކަށެވެ. އަތޮޅުތެރޭގެ އާ ކުޅުންތެރިންނަށް ގޯލްޑަން ފުޓްސަލް ޗެލެންޖަކީ އެންމެ ބޮޑު ފުރުސަތު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
"މި މުބާރާތަކީ އެންމެ ބޮޑު މުބާރާތް. 91 ޓީމު ވާދަކުރި މުބާރާތެއް މިއީ. ވަރަށް ބޮޑަށް ފޯރިވެސް ގަދަކޮށް މި ފެނުނީ. މި މުބާރާތް ކާމިޔާބުކުރެވުމާއި މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަކީ ހަމަ ވަރަށް އުފާވާ ކަމެއް. އަލްހަމްދު ލިﷲ. ތަފާތު މޮޅެތި ކުޅުންތެރިން ފެނުނު މުބާރާތެއް މިއީ. ތަފާތު ޓީމުތަކާ ވާދަކޮށްލެވުނު. އެހެންވީމަ އުންމީދަކީ މިއަށްވުރެ ބޮޑަށް ތައްޔާރުވެ އަނެއްކާވެސް އަންނަ އަހަރު މުބާރާތަށް ނުކުތުން،" ގަބޭ ބުންޏެވެ.
ތިމަރަފުށީގެ ތާރީހީ ކާމިޔާބީ ގަބޭގެ ނަޒަރުގައި ހާއްސަވީ އެންމެ ކަމަކަށެވެ. އެއީ "މިންނެތް މަސައްކަތަށެވެ."
"މިންނެތް މަސައްކަތް ހުރިހާވެސް އެއްޗަކީ. އަތޮޅު ރައްޔިތުންނާއެކު ކުރި މަސައްކަތް އެއީ ކާމިޔާބީއަކީ،" ގަބޭ އެންމެ ފަހު ބަހަކަށް ބުންޏެވެ.
ތަފާތު ސަކަ މިޒާޖެއްގެ ގަބޭއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާކަން ސާފެވެ. ތިމަރަފުށިން ތަށި ދިފާއުކުރިކުރުމުގައި ގަބޭއަކީ ޓީމުގެ ހިތްވަރެވެ. ޓީމަށް އެންމެ މުހިއްމު ކުޅުންތެރިޔާވެސް މެއެވެ. އެއް ފެންވަރެއްގައި އަހަރުތަކެއް ވަންދެން ގަބޭގެ ފޯމު ދަމަހައްޓަމުން އަންނައިރު، އޭނާގެ ވިސްނުމުގައި ހުރީ ފުޓްސަލް ކެރިއަރުގައި ދެވޭނެ އެންމެ އުހަކަށްދާށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކާމިޔާބު މުބާރާތް ރޭ ނިމިގެން ދިޔައީ ކުލަގަދަކޮށެވެ. މިއަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ރަން ވަނަ ތިމަރަފުއްޓަށް ލިބިގެން ދިޔަ އިރު، އުފާފާޅުކުރުންތައް ކުރިއަށް އޮތްތަނުގައި ފެންނާނެކަން ޔަގީނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް