ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ ފުޓްސަލް ކިންގަކަށް ތިމަރަފުށީގެ އިބްރާހީމް އަސްވަދު (ގަބޭ) ހޮވިއްޖެއެވެ.

ތިމަރަފުށިން މުބާރާތުގެ ތަށި ދިފާއުކޮށް ތާރީހު ލިޔެލާފައިވާ އިރު، އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ގަބޭއެވެ. ތިމަރަފުށި ފައިނަލަށް ގެނައުމުގައިވެސް ގަބޭ މުހިއްމު ދައުރެއް އަދާކޮށްފައިވާ އިރު، ފައިނަލުން ތިމަރަފުށި މޮޅުކޮށްދޭންވެސް އެންމެ މުހިއްމު ދައުރެއް އަދާކުރީ ގަބޭއެވެ. ތިމަރަފުށިން ކ. ގާފަރު ކައިރީ ޕެނަލްޓީ ޖަހައިގެން މެޗުން މޮޅުވި އިރު، މިރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ގަބޭއެވެ.

މިރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 2-2 އިން މެޗު އެއްވަރު ވެފައި އޮތް އިރު، ފުރަތަމަ ދެ ގޯލު ޖެހީވެސް ތިމަރަފުށިންނެވެ. އެ ދެ ގޯލުގައިވެސް ގަބޭގެ ހިއްސާ ބޮޑެވެ. ގަބޭ ފުރަތަމަ ގޯލު ޖެހި އިރު، ދެވަނަ ގޯލަކީ އޭނާގެ ފެންވަރު ފުރިހަމައަށް ފެނިގެން ދިޔަ ގޯލެކެވެ. މެދުތެރެއިން ގަބޭ ކުރިއަށް ޖެހި ރަނގަޅު ޕާހެއް ޖައްސާލި ބޯޅައިން އަލީ ޝިފާއު (ރޮނާ) ހުރަސްކޮށްލި ބޯޅައިން މެޗުގެ ދެވަނަ ގޯލު ތިމަރަފުއްޓަށް ޖަހައިދިނީ އާދަމް ނާސިހު (އާދަންނާ) އެވެ.

ގަބޭއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާއެވެ. އޭނާ އަންނަނީ އެކިއެކި މުބާރާތްތަކުގައި އެކަން ސާބިތުކޮށްދެމުންނެވެ. ހާއްސަކޮށް މިފަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި އެކަން ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ތިމަރަފުށީގެ ކޯޗު އަލީ ފަހުމީއެވެ. އަލީ ފަހުމީ މިހާރު ވެފައި ވަނީ މުބާރާތް ކުޅުންތެރިއެއްގެ ގޮތުގައި އެއްފަހަރު އަދި ކޯޗެއްގެ ގޮތުގައި ދެފަހަރު ކާމިޔާބުކުރި ކޯޗަކަށެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ރޮނާއަށެވެ. އޭނާ ވަނީ ޖުމުލަ 13 ގޯލު ޖަހައިފައެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

  • ޖުމައިލް ޖަމީލް - ދ. ކުޑަހުވަދޫ
  • އިބްރާހީމް އަސްވަދު (ގަބޭ) - ތ. ތިމަރަފުށި
  • ފައްޔާޒު ފަޔާޒް (ފައިއްޓެ) - ކ. ގާފަރު
  • އިބްރާހީމް ސިނާހު (ސިނާ) - ތ. ތިމަރަފުށި
  • އަލީ މާއިސް (މައްޓު) - ކ. ގާފަރު