ކުޅިވަރު

ގދ. އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ވާދުއަށް، އަންހެން ޗެމްޕިއަންކަން ފިޔޯރީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް"ގެ ގދ. އަތޮޅު މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވާދޫގެ ސޮސައިޓީ ފޯ ވާދޫ ޔޫތުން ހޯދިއިރު، އަންހެން ޑިވިޝަނުގެ ތަށި ފިޔޯރީގެ ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް އެމްޕަވާމަންޓުން ހޯދައިފިއެވެ.

ވާދޫގައި ބޭއްވި އަތޮޅު މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރީ ފިޔޯރީގެ އިތުރުން ވާދޫ އާއި އެއަތޮޅު ހޯޑެއްދޫގެ ކާއްޑޭ ސްޕޯޓްސް އެކެޑަމީއެވެ. ފިރިހެން ޑިވިޝަނުގައި ވާދޫގެ އިތުރުން ދެން ވާދަކުރީ ފިޔޯރީއެވެ. ފިރިހެން ޑިވިޝަންގައި ދެޓީމު ވާދަކުރީ ތިން މެޗުގެ ސީރީސްއެއްގައެވެ.

ވާދޫން މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތަށި ޔަގީންކުރީ ސީރީސްގެ ފުރަތަމަ ދެމެޗުން މޮޅުވެގެންނެވެ. ވާދޫން ފުރަތަމަ މެޗުން މޮޅުވީ 25-23، 25-21 އަދި 25-14 އިންނެވެ. ދެވަނަ މެޗުވެސް ވާދޫ ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވާ އިރު، ދެވަނަ މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-20، 25-22 އަދި 25-17 އިންނެވެ.

ފިރިހެން ޑިވިޝަނުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވާދޫ ޓީމުގެ މުހައްމަދު ނާއިލެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ވާދޫގެ އުސާމަތު އަހުމަދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އަހުމަދު ސައީދެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުގައި އިއްޔެ ވާދަކުރީ ފިޔޯރީ އާއި ހޯޑެއްދޫއެވެ. އެ މެޗުން ފިޔޯރީ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 25-19، 25-14 އަދި 25-23 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ފިޔޯރީގެ އައިމިނަތު އިބްރާހީމެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވާދޫ ޓީމުގެ އަރޫޝާ އިބްރާހީމެވެ. އެންމެ މޮޅު ކޯޗަކީ ފިޔޯރީގެ ކޯޗު ޒާދީ އިބްރާހީމެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އެވެ.

ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕްގައި މިހާތަނަށް ނިމިފައިވަނީ ދެ އަތޮޅެއްގެ މެޗުތަކެވެ. ފ. އަތޮޅުގެ ފިރިހެން ޗެމްޕިއަންކަން ބިލެއްދޫން ހޯދިއިރު، އަންހެން ތަށި ގެންދިޔައީ މަގޫދޫންނެވެ.

އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ ވޮލީގެ އެންމެ ބޮޑު މުބާރާތެވެ. ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުތަކުން ހުޅުވާލައިގެން އިންތިޒާމު ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އެހީތެރިކަމާއެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ ޓާގެޓެއް ވީއޭއެމްގެ އެބައޮތެވެ.

އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަތޮޅު މުބާރާތްތައް ނިމުމުން ދެން އޮންނާނީ ހަތް ޒޯނެއްގެ މެދުގައި ކުޅެވޭ ޒޯން މުބާރާތްތަކެވެ. ޒޯން އެކެއްގައި އޮތީ ހއ، ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ، ޅ، ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ، ވ، އއ އަދި އދ އެވެ. ޒޯން ހަތަރެއްގައި އޮތީ މ، ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ އަދި ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެއީ ހަތް ޒޯން ޗެމްޕިއަނުން އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުގައި ކުޅެގެންނެވެ.