ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައި ހަ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ބަޔަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ނުވަ މީހަކު ހައްޔަރު ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މީހަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި އަދި އަނެއް ހަ މީހުންގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ.

އެގޮތުން މި ހަމީހުންގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށާއި އަދި މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު އައްޑޫން ހައްޔަރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެން ހުންނަވަނިކޮށެވެ. ނަމަވެސް މި ހަމަލާ ދޭން މަސައްކަތް ކޮށްފައި މިވަނީ ސީދާ ރައީސަށް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.