ފޮޑިގަނޑެއްގައި ރާއްޖެއަށް މަސްތުބާތަކެތި އެތެރެކުރި ބަނގްލަދޭޝް މީހެއް ކަމަށްވާ، ގޮސްޕެލް ބައިރަގީ އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އޭނާގެ މައްޗަށް، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ދައުވާ ދައުލަތުން ކުރީ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ރޭ، އޭނާ ރާއްޖެ އައިއިރު، އޭނާގެ ލަގެޖު އެއާޕޯޓުން ފާސްކުރިއިރު އެ ފޮށިގަނޑުން ކެނަބިސް ފެނިފައިވާތީއެވެ.
އެ މައްސަލައަށް ކޯޓުގައި އިންކާރު ކޮށް އޭނާ ބުނެފައިވަނީ އެއީ މަސްތުވާތަކެތިކަން ނޭނގޭ ކަމަށެވެ. އަދި އެ ފޮށިގަނޑަކީ، ލިޓަމް ކިޔާ މީހަކަށް ދިނުމަށް އޭނާގެ ބޭބެ ދިން ފޮށިކަނޑެއްކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިރު ކުރުމަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅިއެވެ.
އޭގެ ތެރެއިން ކަސްޓަމްސް އޮފިސަރުން ބުނެފައިވަނީ، އޭނާގެ ހަރަކާތްތައް ހުރިގޮތުން ޝައްކުވެގެން އޭނާގެ ހާޒިރުގައި ލަގޭޖު އިތުރަށް ބަލައި ފާސްކުރި ކަމަށެވެ. އަދި އެ ފޮށިގަނޑު ޗެކުކުރަމުން ދަނިކޮށް އޭނާ އެތަނުން ފިލަން މަސައްކަތް ކުރި ކަަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ކަސްޓަމްސް އޮފިސަރުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް، އޭނާގެ ހާޒިރުގައި އެ ފޮށިގަނޑު ބަލައި އޭގެން މަސްތުވާތަކެތި ހޯދީ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ދިފާއުން ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
މި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ، މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާތީ އޭނާ އުމުރަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރާ ކަމަށެވެ. ހުކުމްގައިވާ ޖޫރިމަނާ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަންގަވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު