އައްޑޫގައި އުމުރުން ހަ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވެފައިވާއިރު އެ ކުއްޖާއަށް އިތުރު މީހަކު ޖިންސީ ގޯނާ ކޮށްފައިވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ކުޑަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކަމާނުގުޅޭ މީހެއް ކަމަށް ބުނެ އައްޑޫގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ދަނީ މުޒާހަރާކުރަމުންނެވެ. އެކި ގަޑިތަކުގައި ކުރާ މި މުޒާހަރާތަކުގައި ކުށެއް ނެތް މީހަކު ހައްޔަރުކޮށްގެން އަނިޔާ ދެމުންދާ ކަމަށްބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ދަނީ އަޑު އުފުލަމުންނެވެ.
މުޒާހަރާ ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި ފުލުހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި މެޑިކަލް އެސެސްމަންޓު ހަދާފައިވާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ އެ ކުއްޖާގެ ނަފުސާނީ ހާލަތާ ގުޅޭ އެސެސްމަންޓެއް ހެދުމަށާއި ކުއްޖާއަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި އެކި ފަރާތްތަކުން ފުލުހުންނާ ހިއްސާ ކުރާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރު ހެއްކާއި ގަރީނާ ހޯދައި، އިތުރު ފަރާތެއް މި މައްސަލައިގައި ޝާމިލުވޭތޯ ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ފުލުހުން މި މައްސަލައިގައި މި މަހުގެ 24 ވަނަ ދުވަހު ވަނީ 30 އަހަރު ވަންދެން އައްޑޫގެ ސްކޫލެއްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އުމުރުން 59 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފަ އެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މުޒާހަރާ ކުރަމުންދާ ބައެއް މީހުން ބުނާގޮތުގައި އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ އެމީހާ އަކީ އެކުއްޖާ އެންމެ ފަހުން ފާހާނަ އަށް ގޮވައިގެން ދިޔަ މީހާ ކަމަށްވާތީ ކަމަށެވެ. ނަމަވެސް އެ ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެކުއްޖާގެ ކާފަ ކަމަށްވެސް މުޒާހަރާ ކުރަމުންދާ ބައެއް މީހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހާއްސަ ތަހުގީގު ޓީމަކުން ތަހުގީގު ކުރަމުންދާ ކަމަށާއި މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއް ނެތި އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު