މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ބްރޫނޯ ފެނާންޑޭޒް ޖަހައިދިން ދެ ގޯލާއެކު ނޯތު މެސަޑޯނިއާ ބަލިކޮށް، ޕޯޗުގަލްއިން މިއަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.
ޕޯޗުގަލްއިން އަމިއްލަ ގައުމުގައި ރޭ ކުޅުނު ކޮލިފިކޭޝަން މެޗުގައި ނޯތު މެސަޑޯނިއޯގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ޔޫރަޕްގެ ކޮލިފިކޭޝަން، އެ ބްރެކެޓްގައި ކުޅުނު ފައިނަލް މެޗެވެ. އެ ބްރެކެޓްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޕޯޗުގަލް ފައިނަލަށް ދިޔައީ ތުރުކީ ބަލިކޮށްފައެވެ. ނޯތު މެސަޑޯނިއާ ދިޔައީ އެންމެފަހުގެ ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ކަޓުވާލައިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ރަނގަޅަށް ކުޅެ ހަމަލާތަކަށް މަސައްކަތް ކުރީ ޕޯޗުގަލްއިންނެވެ. މެޗުގެ ކުރީކޮޅުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ފުރުސަތެއް އޭނާ ނަގާލި އިރު، އެޓީމުން ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. މެދުތެރެއިން ނޯތު މެސަޑޯނިއާ ޑިފެންޑަރު ދިން ޕާހެއް ހޯދައި، ފެނާންޑޭޒް ގޯލު ޖެހީ ރޮނާލްޑޯއާއެކު ހެދި ވަން ޓޫއެއް ކާމިޔާބު ކޮށްގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ޕޯޗުގަލްއަށް ނަތީޖާ ފުޅާކޮށްދިނީވެސް ފެނާންޑޭޒްގެ ހިތްގައިމު ގޯލަކުންނެވެ. ފެނާންޑޭޒް އެ ގޯލު ޖެހީ އަރިމަތިން ޑިއޭގޯ ޖޮޓާ ނަގައިދިން ރީތި ހުރަހަކުންނެވެ. ހުރަސް ބިމުގައި ނުޖެހެނީސް ވޮލީ އަކުން ފެނާންޑޭޒް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
ޕޯޗުގަލްއިން ޖެހިޖެހިގެން ހަވަނަ ފަހަރަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ޔަގީން ކޮށްފައިވާ އިރު، އުމުރުން 37 އަހަރުގެ ރޮނާލްޑޯއަށް މިއީ ފަހު ވޯލްޑް ކަޕަށް ވުން ގާތެވެ.
ރޭ ޔޫރަޕްގައި ޕޮލެންޑާއި ސްވިޑެން ކުޅުނު ކޮލިފިކޭޝަން މެޗަށް ބަލާ އިރު، ޕޮލެންޑުން ވަނީ ސްވިޑެން 2-0 އިން ބަލިކޮށް ވޯލްޑް ކަޕް ކޮލިފިކޭޝަން ޔަގީން ކޮށްފައެވެ. ޕޮލެންޑުގެ ގޯލުތައް ޖެހީ ރޮބާޓް ލެވަންޑޯސްކީއާއި ޕިއޮޓްރޭ ޒެލިންސްކީއެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން