ބާސެލޯނާ އަދި ސްޕެއިންގެ ލެޖެންޑް އަންދްރޭސް އިނިއެސްޓާއާ އަޅައި ކިޔާތީ ފަހުރުވެރިވާ ކަމަށާއި، އެއީ ލިބޭ ހިތްވަރެއް ކަމަށް ބާސާ އަދި ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭސް ބުނެފިއެވެ.
ޒުވާން މިޑްފީލްޑަރު ޕެޑްރީގެ އުމުރުން 16 އަހަރުން ފެށިގެން މީޑިއާއިންވެސް އަންނަނީ އޭނާއާ އިނިއެސްޓާއާ އަޅައި ކިޔަމުންނެވެ. އެކަމަށް ޕެޑްރީ މީގެ ކުރިންވެސް ޖަވާބު ދީފައިވާ އިރު، އަނެއްކާވެސް މިވަނީ އެވާހަކަ މީޑިއާގައި ދައްކާފައެވެ.
"އިނިއެސްޓާއާ އަޅައި ކިޔުމަކީ ފަހުރުވެރިވާ ކަމެއް. އެއީ އިނިއެސްޓާއަކީ އަހަރެންގެ އައިޑަލް. އެކަމަކު އިނިއެސްޓާގެ ކެރިއަރުގައި ހާސިލުކުރި ކަންކަން ހާސިލުކުރުމަކީ އުނދަގޫ އަދި ނުވާނެވެސް ކަމެއް ކަންނޭނގެ. ކުޅުންތެރިއެއްގެ ގޮތުގައި އަދި ދަނޑު ބޭރުންވެސް އިނިއެސްޓާއަކީ ލެޖެންޑެއް. އެކަންކަން އަޅައެއްވެސް ނުކިޔޭނެ. އެކަމަކު އިނިއެސްޓާއާ އަޅައި ކިޔުމަކީ ލިބޭ މޯޓިވޭޝަނެއް،" ޕެޑްރީ ބުންޏެވެ.
މިހާރު އުމުރުން 19 އަހަރުގެ ޕެޑްރީއަކީ ސްޕެއިން ގައުމީ ޓީމުގެވެސް އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އިރު، މިވަގުތު ޔޫރަޕްގައިވެސް ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރަކީ އޭނާއެވެ. ބާސާ އަދި ސްޕެއިންގައިވެސް ޕެޑްރީއާއި ބާސާގެ 17 އަހަރުގެ ގަވީގެ ކޮމްބިނޭޝަން ފާހަގަކުރެވިފައިވާ އިރު، މީޑިއާތަކުން އެ ދެކުޅުންތެރިންގެ ކުޅުން، ލެޖެންޑުން ކަމަށްވާ ޒަވީ ހެނާންޑޭޒްއާއި އިނިއެސްޓާއާ އަޅައި ކިޔާފައިވެއެވެ.
"އުންމީދަކީ އެ ކާމިޔާބީތައް (ޒަވީއާއި އިނިއެސްޓާގެ ކޮމްބިނޭޝަންގެ ކާމިޔާބީތައް) ތަކުރާރު ކުރުން. އެހެން ނަމަވެސް ޒަވީއާއި އިނިއެސްޓާއަކީ ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ މޮޅެތި ކުޅުންތެރިންކަން ހަނދާނުގައި ބަހައްޓަން ޖެހޭ. ގަވީއާ އަހަންނާ ދެމީހުންނަށް އެ ދެކުޅުންތެރިންގެ ކާމިޔާބީ ތަކުރާރުކުރަން އުނދަގޫ ވެދާނެ. ގަވީއަކީ ވަރަށް ގާތް މީހެއް. އަހަރެން އާއިލާއަށްވުރެވެސް ގިނައިން ގަވީއާ ދިމާވެ، އެކުގައި އުޅެވޭ،" ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، އަދި ފީފާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑުވެސް މިދިޔަ އަހަރު ހޯދި ޕެޑްރީ ބުންޏެވެ.
ޕެޑްރީއަށް ގިނަ ކޯޗުންވެސް ވަނީ ތައުރީފު ކޮށްފައެވެ. ސްޕެއިނުން ޔޫރޯ 2020 ގެ ސެމީ ފައިނަލްގައި ކުޅެފައިވާ އިރު، މިދިޔަ އަހަރު އޮލިމްޕިކްސް ރިހި މެޑަލްވެސް ހޯދިއެވެ. އެ ދެ މުބާރާތުގައިވެސް ޕެޑްރީގެ ދައުރު ބޮޑެވެ. އަދި އަންނަން އޮތް ގަތަރު 2022 ގެ ވޯލްޑް ކަޕަށް ސްޕެއިން ދާއިރު، އެޓީމަށްވެސް ޕެޑްރީ މުހިއްމު ވާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު