ބަރަހަނާ ފޮޓޯ އަދި ވީޑިއޯ ގެންގުޅުނު މީހެއްގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވުމުން އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެ ކުށް ސާބިތުވުމުގެ ސަބަބުން ޖަލަށްލުމަށް ހުކުމްކުރީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީއެވެ.

ކްރިމިނަލް ކޯޓުން އެ އަނީސްގެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނީ، ދައުލަތުން އަނީސްގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އޭނާ އިންކާރުކުރިޔަސް، އެ ދައުވާ ސާބިތުކުރެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ އެ ކުށުގެ އުގޫބާތެއްގެ ގޮތުން އަނީސް އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.

އޭނާގެ މައްޗަށް އެދައުވާ ކޮށްފައިވަނީ އަނީސްގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ މައްސަލައިގައެވެ.

ދައުލަތުން ވަނީ އަނީސްގެ މައްޗަށް އިތުރު ދެ ދައުވާއެއްވެސް އުފުލައިފައެވެ. އެއީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާއެވެ.

އެދައުވާތައް ކޮށްފައިވަނީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމް ކޮށްގެން މާލޭ ގެސްޓްހައުސްއަކަށް އެކުއްޖާ ގެންގޮސް، ޖިންސީ ގޯނާ ކުރި މައްސަލައިގައެވެ.

މި ދައުވާތަކުގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސާބިތުވެއްޖެނަމަ 14-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގައި 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ގާނޫނުގައި ބުނާ ގޮތުން ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.

އަނީސްގެ މައްސަލަ އެންމެ ފުރަތަމަ ފުލުހަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.