ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަނެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ބައްދަލުވުމެއް ގއ. ނިލަންދޫ ފެނަކަ އޮފީހުގައި ބޭއްވި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް، އެ އިންތިހާބުގައި ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ކެމްޕެއިން ޓީމުން ހުށަހަޅައިފިއެވެ.

އިންތިގެ ކެމްޕެއިން ޓީމުން މިއަދު ނެރުނު ބަޔާނެެއްގައި ބުނީ، މިމަހުގެ ފަސްވަނަ ދުވަހު ފައްޔާޒުގެ ކެމްޕެއިން ޓީމުން ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ކެމްޕޭން ބައްދަލުވުމެއް ބާއްވާފައިވާ ފޮޓޯތައް އެ ކެމްޕޭނުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ މުދަލާއި ވަސީލަތާއި މުވައްޒަފުން ކެމްޕެއިނަށް ބޭނުންކުރުން ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލައި، ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުންނާއި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ގޮވާލާ ކަމަށެވެ.

އިންތިގެ ކެމްޕެއިން ޓީމުން ބުނީ، އިންތިއަށް ތާއީދުކުރާ ފަރާތްތަކަށް ވަޒީފާގެ ބިރު ދެއްކުމާއި ވާދަވެރި ކެންޑިޑޭޓުގެ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތާއި މުދަލާއި މުވައްޒަފުން ބޭނުންކުރާކަމުގެ މައުލޫމާތު ކެނޑިނޭޅި ލިބެމުންދާއިރުވެސް އެއިން އެއްވެސް ކަމަކަށް އެކަށީގެންވާ ތަސައްލީއެއް ލިބިދެވިފައި ނެތުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށާއި އެފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުވެސް ކުށްވެރިކުރާ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވި ނަމަވެސް، ތަކުރާރުކޮށް ފެނި ފާޅުވަމުން މިދަނީ މިއާ ހިލާފު މަންޒަރުތައް،" އިންތިގެ ކެމްޕެއިން ޓީމުން ބުންޏެވެ.

އިންތިގެ ކެމްޕެއިން ޓީމުން އިތުރަށް ބުނީ އިންތިއަށް ތާއީދުކުރާ ފަރާތްތަކަށް ވަޒީފާގެ ބިރުދެއްކުމާއި ވާދަވެރި ކެންޑިޑޭޓުގެ ކެންޕޭނަށް އަދި ހާއްސަކޮށް ފެނަކަ ފަދަ ދައުލަތް ހިއްސާވާ ކުންފުނިތައް ހިމެނޭގޮތުން ދިވެހި ދައުލަތުގެ ވަސީލަތާއި މުދަލާއި މުވައްޒަފުން ފާޅުގައި ބޭނުންކުރަމުންދާ ދިއުމަކީ ކުޑަކޮށްވެސް ބަލައިގަނެވެން ނެތް، ޑިމޮކްރެޓިކް މުޖުތަމައެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭ ބާވަތުގެ ކަންކަން ނޫންކަން ސަރުކާރަށް ހަނދާންކޮށްދޭ ކަމަށެވެ.

ފައްޔާޒްގެ ޓީމުން ވަޒީފާގެ ބިރު ދައްކައި، ނުފޫޒު ފޯރުވާ ކަމަށް ބުނެ، އިންތިގެ ޓީމުން ވަނީ މީގެ ކުރިން ވެސް އެފަދަ ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެގޮތުން އިންތިގެ ޓީމުން ވަނީ ވަޒީފާ އިން ވަކިކުރި އަދި ވަޒީފާގެ ބިރު ދެއްކި ބައެއް މައްސަލަތައް ހުށަހަޅައިފައެވެ. ވަޒީފާ އިން ވަކިކޮށް ނުވަތަ ބިރު ދައްކާފައިވަނީ އިންތިއަށް އެމީހުން ތާއީދުކުރާތީ ކަމަށް އިންތިގެ ޓީމުން ތުހުމަތުކުރެއެވެ.

އިންތިގެ ކެމްޕޭން ޓީމުން ހުށަހަޅާފައިވާ ބައެއް މައްސަލަތަކަކީ ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އަހުމަދު އާމިރު ވަޒީފާއިން ވަކިކުރި މައްސަލައާއި، ގދ. ގައްދޫ، ފުނަމާގޭ އާމިރު އަބްދުﷲ އަށް އެރަށު ފެނަކަ މެނޭޖަރު ވަޒީފާގެ ބިރުދެއްކި ކަމަށް ބުނާ މައްސަލައާއި، ފެނަކަ ބ. ފެހެންދޫ ބްރާންޗުގެ މެނޭޖަރު އަހުމަދު ޝަބީރު އަބްދުއްސަމަދު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރި މައްސަލައެވެ.

އޭގެ އިތުރުން ނ. ކެނދިކުޅުދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ފައްޔާޒްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވާން ލައުޑްސްޕީކަރުން އިއުލާންކުރިއިރު "އިކޮނިމިކް މިނިސްޓަރު ކުރައްވާ ޒިޔާރަތުގައި ބާއްވާ ޖަލްސާއަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުން ރަސްމީ ހެދުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެދޭ ވާހަކަ ދަންނަވަން" ކަމުގައި ގޮވާލާފައިވާ މައްސަލަ ވެސް އެމްޑީޕީގެ ކަމާބެހޭ ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އާމިރު، ވަޒީފާ އިން ވަކިކުރި މައްސަލައިގައި ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އޭނާއަށް ފިޔަވަޅު އެޅީ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނަކާއި ސިޓީތަކެއް ލިބުމުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ.

ފެނަކައިގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ ވާހަކަތަކާ ދެކޮޅަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު، މީގެ ކުރިން ވަނީ ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގެ މުވައްޒަފުން މިހާރު ވެސް އިންތިގެ ކެމްޕެއިންގައި ހަރަކާތްތެރިވަމުންދެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ފޯރި ގަދަވެ، އިންތިގެ ޓީމުން ގިނަ ތުހުމަތުތަކެއް ކުރަމުންދިޔަ ނަމަވެސް، ފައްޔާޒުގެ ޓީމުން އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.