ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ކުރި އަމުރަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީއަށް ހަދައިދީފައިވަނިކޮށް ހުސްވި އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހު، މާލޭ ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލުގެ އެ ނިންމުން ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ނިންމުމަށް އަމަލުކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިިލް ކޯޓުގައި އެދުނެވެ.

އެ މައްސަލަ ބެލުމަށްފަހު ޑިސެމްބަރު 16 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ބިމަކީ އެޗްޑީސީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ދެ ބިން ކަމާއި އެ ދެ ބިމަށް ހަދައިދީފައިވާ ރަޖިސްޓަރީން އެކަން އެނގެން އޮތުމުން މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އެޗްޑީސީއަށް ލިބިގެންވާ ކަމަށެވެ.

ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައިވާ ބިމުގައި ހިމެނޭ އަމިއްލަ މީހުންގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބިންތައް ފިޔަވައި، ދެން ހުރި ހުރިހާ ބިންތަކަކީ އެޗްޑީސީގެ މިލްކުގައިވާ މުދަލެއް ކަމަށާއި އެ ބިންތަކަށް މާލެ ސިޓީ ކައުންސިލުން ހަދައިދީފައިވާ ރަޖިސްޓަރީތަކުން އެނގެން އޮންނަ ކަމަށްވެސް އަމުރުގައިވެއެވެ.

އެ ރަޖިސްޓްރީތައް ބާތިލުކުރުމުގައި މާލޭ ސިޓީ ކައުންސިލުގެ ފަރާތުން އަމަލުކޮށްފައިވަނީ އެކަންކަމުގެ އަމަލުކުރުމަށް ހަދާފައިވާ ގާނޫނުތަކާ ތައާރުޒުވާ ގޮތަކަށް ކަމަށާއި އަދި ވަގުތީ އަމުރަށް އެދޭ ފަރާތަށް، ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެފައި އޮތްކަން އެނގޭ ކަމަށްވެސް އަމުރުގައިވެއެވެ.

މީގެ އިތުރުން ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން ލިބިފައިވާ އެންމެހައި ގާނޫނީ ހައްގުތަކާއި ބިމާ ގުޅިގެން ކުރަމުން އައި އެންމެހައި ކަންކަމާއި ހުޅުމާލެ ތަރައްގީކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުން އައި ކަންކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ސިވިލްކޯޓުން އަމުރު ކޮށްފައިވެއެވެ.

ސިވިލްކޯޓުން އެގޮތަށް އަމުރު ކުރުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ހައިކޯޓުން ބެލުމަށްފަހު މިއަދު ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ވަގުތީ އަމުރަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތް ކަމަށް މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނިޑޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒްއާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ، ފަނޑިޔާރު އަލީ ސަމީރުގެ ރައުޔަށް ދެން ތިއްބެވި ފަނޑީޔާރުން ތާއީދު ކުރައްވައިގެނެނެވެ.