ވިލިމާލޭގައި 2011 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި ނ. މާޅެންދޫ/ ވައިޓްހައުސް، އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލައިގައި މަރަށް ހުކުމް ކޮށްފައިވާ ޏ. ފުވައްމުލަކު/ ޒާވިއާ، އަބްދުﷲ ނަޒީފަށް، މިރުޒާގެ ބައްޕަ ހިމެނޭގޮތަށް އޭނާގެ ވާރިސުން މައާފު ކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގައި ނަޒީފަށް މައާފުކުރި ކަމަށް ވާރިސުން ބުނި ނަމަވެސް ނަޒީފަށް ދަށު ކޯޓުންނާއި ހައިކޯޓުންވެސް މަރުގެ ހުކުމް އިއްވާފައިވަނީ ވާރިސުންގެ އެދުމާ އެކުއެވެ.

ނަޒީފަށް މައާފްކުރި ކަމަށް ބުނެ ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ފަޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާއިޝާ ސުޖޫން، ފުރަތަމަ ސުވާލު ކުރެއްވީ، މިރުޒާގެ ބައްޕަ އިބްރާހިމް ހަސަންއާއެވެ. އޭނާ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެފައިވަނީ ނ. މާޅެންދޫ ކޯޓުގައި އިނދެގެން އޮންލައިންކޮށެވެ.

ނަޒީފަށް ގިސާސް ހިފުމަށް ލިބިފައިވާ ހައްގު ދޫކޮލުމަށް ނިންމެވީތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން އިބްރާހިމް ހަސަން ބުނީ، ނަޒީފްގެ އާއިލާއިން ވަރަށް ބޮޑަށް އާދޭސްކޮށް، ދެއްކި ވާހަކަތަކާ ގުޅިގެން ނަޒީފަށް މާފުކުރަން ނިންމީ ކަމަށެވެ.

ފަނޑިޔާރު ދެން ސުވާލުކުރެއްވީ، މިރުޒާގެ އެއްބަނޑު އެއްބަފާ ކޮށްކޮ، އާމިރު އިބްރާހިމްއާއި ބޭބެ އިނާޔަތު އިބްރާހިމް އަދި ދައްތަ އާސިމާ އިބްރާހިމްއާ އެވެ. އެ ތިން މީހުންވެސް ބުނީ، ނަޒީފަށް މައާފުކުރަން ނިންމީ ބައްޕަގެ އެދުމުގެ މަތިން ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑީޔާރު އަލީ ރަޝީދު ވަނީ އެ ފަރާތްތަކާ ބައެއް ސުވާލުތައް ކުރައްވައިފައެވެ.

މިރުޒާގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ނަޒީފަށް މަރުގެ ހުކުމް އިއްވި އިރު، މިރުޒާގެ މަންމަ ދުނިޔޭގައި އިންތޯ ފަނޑީޔާރު އަލީ ރަޝީދު ކުރެއްވި ސުވާލާ ގުޅިގެން މިރުޒާގެ ބައްޕަ ބުނީ، އެކަން ހަނދާން ނެތް ކަމަށާއި އަންހެނުން މަރުވިތާ މިހާރު ފަސް ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.

ދެން އެކަން އޮޅުންފިލުވައިދެއްވުމަށް ފަނޑިޔާރު އަލީ ރަޝީދު ސުވާލު ކުރެއްވީ ދައުލަތުގެ ވަކީލާއެވެ. ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ، އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ 4 އޭޕްރީން 2017 ގައި ކަމަށެވެ. އޭރު މިރުޒާގެ މަންމަ ދުނިޔޭގައި ހުރިކަން ނޭނގުނު ނަމަވެސް، 26 އޯގަސްޓް 2015 ގައި ވާރިސުންގެ ހެކިބަސް ނެގި އިރު، އޭނާގެ މަންމަގެ ހެކިބަސް ނަގާފައިވާ ކަމަށާއި އޭނާގެ މަންމަގެ ބަޔާނުގައި އެދިފައިވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލުކުރެއްވީ ނަޒީފްއާއެވެ. އަދި މިރުޒާގެ މަރުގެ ކުށަށް ނަޒީފު އިއުތިރާފުވިތޯ އެއްސެވިއެވެ. އެއީ ޝަރީއަތުގެ އެންމެ ފަހު މަރުހަލާއަށް އައި އިރުވެސް އެ ކުށަށް ނަޒީފު އިއުތިރާފު ނުވާ އިރު، މައާފަށް އެދެވޭނީ ކުށް ކުރުމުން ކަމަށްވާތީއެވެ.

ނަމަވެސް ނަޒީފް ބުނީ އެ ކުށަށް އިއުތިރާފު ނުވާ ކަމަށެވެ. ނަޒީފުގެ ވަކީލު ވިދާޅުވީ، އެ މައްސަލައިގައި މައާފަށް އެދި މިރުޒާގެ އާއިލާއާ ވާހަކަ ދެއްވީ ނަޒީފުގެ އާއިލާއިން ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑީޔާރު އާއިޝާ ސުޖޫން ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ މި މައްސަލައަށް ގޮތެއް ކަނޑައެޅުން ކަމަށެވެ.