ޚަބަރު

ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގުން ހަރުދަނާކުރުމުގެ މައްސަލަ އިޖުތިމާއީ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިންގުން ހަރުދަނާކޮށް، އެ މައްސަލަތައް ވީހާ އަވަހަށް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ، ޕީއެންސީގެ ނާއިބުރައީސް މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދެވެ.

މި މައްސަލައަށް ބަހުސް ކުރަން ފާސްކުރީ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސަރުކާރުގެ މައިޕާޓީ އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި މައްސަލައިގެ ބަހުސްގައި އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ، އެ މައްސަލަ ހުށަހެޅުއްވި މެންބަރު ސައީދެވެ. ތާއީދު ކުރެއްވީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

މި މައްސަލައަށް ބަހުސް ކުރުމަށްފަހު، ނެގި ވޯޓުގައި އެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ފާސްކުރީ ޖަލްސާގައި ތިއްބެވި 34 މެންބަރުންގެ ތެރެއިން 18 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެގޮތަށް ނުފެންނަކަމަށް 16 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ. މި މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކުރަން ބޭނުންވަނީވެސް 18 މެންބަރުންގެ ވޯޓެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ސައީދު ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލަކީ، ލ.މާވަށް، ކުނަހަންދޫ، ހިތަދޫ، ގެ އިތުރުން އެހެން ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެއް ކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ވައުދުވެފައިވާ ހޮސްޕިޓަލެއް ކަމަށްވެސް ވިދާޅުވިއެވެ. މި ސަރުކާރުން ގެނައި ބަދަލާއެކު އެ ހޮސްޕިޓަލް ހިންގުމަށްޓަކައި ވަކި ބޯޑެއް ސަރުކާރުން ކަނޑައަޅައި އެ ބޯޑުގެ ދަށަށް ލ. އަތޮޅުގެ 10 ރަށުގައިހުރި ސިއްހީ މަރުކަޒުތަކާއި، އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ހޮސްޕިޓަލުންދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށާއި، ހޮސްޕިޓަލްގައި ޓާޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމް ނުކުރެވި، ބަލި މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގިނަ ހާދިސާތަކެއް، ފަރުވާކުޑަ ވުމާއި، ހިންގުމުގެ ދޯދިޔާކަމުން ހިނގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ކޮންމެހެން ޑޮކްޓަރުން ތިބެންޖެހޭ މުހިއްމު ބަލިތަކަށް އެ ހޮސްޕިޓަލުގައި ޑޮކްޓަރުން ނެތުމާއި ޓެސްޓްތައް ހެދެން ނެތުމާއި، ވަސީލަތްތަކާއި އިމާރާތް ވެސް މަރާމާތު ނުކުރެވި ހަލާކުވަމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.