ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ވަގުތީ ދެވަނަ މިސްކިތް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، ހިޔާ ފްލެޓްތައް ކައިރީގައި ހަދާ ވަގުތީ ދެވަނަ މިސްކިތް ހުޅުވަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދަށްފަހު ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މިސްކިތުގައި އެއްފަހަރާ 600 މީހުންނަށް ނަމާދުުކުރެވޭ އިރު، ފިރެހެނުންގެ އިތުރުން އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް އެ މިސްކިތުން ވަނީ ހަމަޖައްސައިފައެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ހެދި ވަގުތީ ފުރަތަމަ މިސްކިތް ހުޅުވާފައިވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ މިސްކިތަކީ އެއްފަހަރާ 450 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ. އެ މިސްކިތުގެ މަސައްކަތް ވެސް ކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި ފުރަތަމަ މިސްކިތް ހުޅުވީ ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ހިޔާ ފްލެޓްތަކާ ދުރުގައި ހުންނަ އެ މިސްކިތަކީ އަމިއްލަ ފަރާތަކުން ހެދި މިސްކިތެވެ.

މި މިސްކިތުގެ އެތެރޭގައި 480 މީހުންނަށް ނަމާދުކުރެވޭ އިރު، މިސްކިތު ހަރިއްމަ ތެރޭގައި 600 އާއި 700 މީހުންނަށް ނަމާދުކުރެވެއެވެ. އޭގެ އިތުރުން އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމާއި ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

އޭގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އިމާރާތްކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޖުމުލަ 30،655 އަކަފޫޓުގެ ބިމެއްގައި އިމާރާތް ކުރާ އެ މިސްކިތަކީ އެތެރޭގައި 1400 މީހުންގެ ޖާގަ އަދި ކޯޓްޔާޑާ ލައިގެން 3000 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތެކެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރެވެ.