މިދިޔަ ހުކުރު ދުވަހު އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް އިން ބޭއްވި 'ނޭވާހޮޅިއަށް' މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް، ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދަށް ޖަލުން ލިބުނު ކަމަށް ވިދާޅުވި، އަނިޔާގެ ސަބަބުން، އެމަނިކުފާނުގެ ހިތް ފަޅައިގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައި، ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެ ހުކުރު ދުވަހު މުޒާހަރާއިން ހައްޔަރުކޮށް، އޭނާއާމެދު ކަންތައްކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށް ސައީދު ވިދާޅުވިއެވެ.
އެގޮތުން، ހައްޔަރުކޮށްފައި އެމީހުން ބެއިތިއްބި ޖަލު ގޮޅީގެ ފާހާނާގައި ކެމެރާ ހަރުކޮށްފަ ހުރިކަމަށް ސައީދު ވިދާވިއެވެ. އެކަމަކީ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ޖަލުތަކަށް ގެނައި ހެޔޮ ބަދަލުތޯ ސުވާލު އުފައްދައި، ފާހާނާތަކުގައި ކެމަރާ ހަރުކުރަނީ މީހުންގެ އޮރިޔާން ބަލަންތޯވެސް ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑުމެން ބައިތިއްބާފަ ތިބި ގޮޅީގެ މަތީގައި، ފާހާނާގައި ކެމެރާ ހަރުކޮށްފަހުރީ، އެއީތޯ، އިމްރާން ގެނައި އިސްލާހު، ފާހާނާތެރޭގައި މީހުންގެ އޮރިޔާން ބަލަންތޯ ކެމެރާ ހަރުކުރަނީ، މީތޯ އެމްޑީޕީގެ އެޖެންޑާ 19 ތަފާތުވާ ގޮތަކީ؟"
ސައީދު ވިދާޅުވީ، 24 ގަޑިއިރުތެރޭގައި ގާޒީގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭކަމަށް ބުނުމުން ގެންދިޔައީ ބަކަރިކޮށްޓެއް ކަހަލަ ތަނެއްގެ ކުރިމައްޗަށް ކަމަށެވެ. އަދި އަށްގަޑިއިރުވަންދެން ޕްލާސްޓިކު ގޮނޑީގައި އެދުވަހު ހައްޔަރުކުރި 17 މީހުން އަތުރާފައި ބެއިތިއްބި ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ސައީދުގެ ވާހަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މެންބަރު ސައީދަށް ދިމާވި އަނިޔާވެރި ގޮތުގެ ސަބަބުން ހިތްފަޅައިގެންދާ ކަމަށާއި، 24 ގަޑިއިރު ގޮޅީގައި އިންނަވަން ޖެހިވަޑައިގަތުމާއި އަދި ގޮނޑިއެއްގައި ބައިންދަވާފައި އިނުމުގެ ސަބަބުންވެސް ހިތް ފަޅައިގެންދާ ކަމަށެވެ.
"މެންބަރަށް ތި ދިމާވި އަނިޔާވެރި ގޮތުގެ ސަބަބުން އަޅުގަނޑުގެ ވެސް ހަމަ ހިތް ފަޅައިގެންދޭ، ތިޔަ ވިދާޅުވީ 24 ގަޑިއިރު ގޮޅީގައި އިންނަވަން ޖެހިވަޑައިގަތުމާ އަދި ގޮނޑިއެއްގައި ބައިންދަވާފައި އިނުމާއި، އަޅުގަނޑުވެސް ތިކަމާ ހަމަ ހިތް ފަޅައިގެންދޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.