ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނެ ކަމާމެދު ސުވާލު އުފެދުނު ނަމަވެސް އެއީ ހަމައެކަނި ވައުދެއް ނޫންކަމުގެ ޔަގީންކަން މިއަދު ލިބިއްޖެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ އައްޑޫސިޓީ މީދުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ އެމްޓީސީސީން ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަނީ ރައީސް ސޯލިހުގެ ވައުދުފުޅުތައް ފުއްދުމުގައި ކަމަށެވެ. އެކުންފުނިން ކުރާ އެއްވެސް މަސައްކަތަކީ ރައީސް ސޯލިހު ބޭނުންފުޅުވެގެން ނޫން ގޮތަކަށް ކުރާ މަސައްކަތްތަކެއް ނޫންކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސްގެ ކެމްޕެއިންތެރޭގައި އަޅުގަނޑަށްވެސް ކޮންމެވެސް ވަރަކަށް ދެވިފަ ހުރި. އަޅުގަނޑު އޭރު ހިތަށް އަރާ ހާދަ ވައުދެކޭ، ހަމަ ވާނެބާއޭވެސް އޭރު ހިތަށް އެރި. ނަމަވެސް މިއަދު ރައީސްގެ އިރުޝާދާ އެއްކޮށް އަޅުގަނޑުމެންނަށް ޔަގީންވޭ މީގެން ކޮންމެ ވައުދަކީވެސް ހާސިލު ކުރެވޭނެ ކަމެއްކަން. ރައީސާއެކު ގައުމުގެ ކަމެއް ތަރައްގީކުރަން އަތުކުރި އޮޅާލައިފި ކަމަށްވަންޏާ، މިއީ ވާނެ ކަމެއްކަން އަޅުގަނޑުމެންނަށް މި ދަނީ ސާބިތުވެ ފެންނަމުން." އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގެ ޒަމާނުއްސުރެން އެތައް ރައީސުންނެއް އައިސްފައި ގޮސްފި ކަމަށާއި އެހެން ނަމަވެސް މިއަދު މި ފެންނަ ތަރައްގީގެ ޔަގީން ކަމަކީ މިހާރު ރައީސްގެ ހިތްވަރާއި ލީޑާޝިޕުގެ ވަރުގަދަކަން ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ކޮންމެ ރަށަކަށް އަރައިވަޑައިގެންނެވި ކަމުގައި ވީނަމަވެސް މަސައްކަތެއް ނުހިނގާ އެއްވެސް ރަށެއް ނޯންނާނެ ކަމަށާއި އަދި އެމަނިކުފާނު މިއަންނަ އަހަރުގެ އޮގަސްޓު މަހު ރަށަކަށް އަރައިވަޑައިގަންނަވާއިރު އެމްޓީސީސީން މަސައްކަތެއް ކޮށްފައި ނެތް ރަށެއް ނޯންނާނެ ކަމުގެ ޔަގީންކަން އެކުންފުނިން ދޭ ކަމަށްވެސް ވިދާޅުވި އެވެ.
"ހިތަށް އަރާފާނެ ކިހިނެއްހޭ ކޮންމެ ރަށެއްގައި މަސައްކަތްތައް ކުރިއަށް ގެންދަނީ. ރައީސްގެ ވިސްނުންފުޅު ހުރީކީ ހަމައެކނަި އަޅުގަނޑުމެންނާއި ކޮންޓްރެކްޓު ކޮށްގެން ރައްޔިތުންނަށް ހިދުމަތްތަކެއް ދޭކަށް ނޫން. ރައީސް ވިދާޅުވީ މަސައްކަތެއް ކޮށް ނިންމާފައި އެރަށަކުން ފައިބާ އިރު އެރަށުގެ ރައްޔިތުންގެ މޫނުމަތިން ހިނިތުންވުމާއި ހިތްހަމަޖެހުން ފެންނަންވާނެ ކަމަށް. އެއީ މިސާލަކަށް ބަނދަރު މަޝްރޫއު ކުރިއަށް ގެންދާއިރު އެރަށުގައި އިޖުތިމާއީ އެހެން ކަމެއް ހުރެއްޖެ ނަމަ އެކަން އަޅުގަނޑުމެންގެ ބަޖެޓު އޮތް މިންވަރަކުން ކޮށްދޭށޭ ވިދާޅުވީ. އޭރުން އެރަށުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބޭނެއޭ. އެކަމުގެ ހިތްހަމަޖެހުން ލިބޭނެޔޭ." ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީން މިހާރު ކުރަމުންގެންދާ މަސައްކަތްތައް ހިއްސާ ކުރައްވަމުން އާޒިމް ވިދާޅުވީ ޖުމުލަ 103 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި 98 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ވަރަށް ބޮޑެތި މަޝްރޫއާއި ވަރަށް ކުދި މަޝްރޫއުތައްވެސް ހިމެނޭ ކަމަށާއި ނިންމާފައި ހުރި މަޝްރޫއުތައް އަގުން ކިޔާނަމަ އެއީ 3.5 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ އަގަކީ ހަ ބިލިއަން ރުފިޔާގެ މަސައްކަތްތައް ކަމަށްވެސް ވިދާޅުވި އެވެ.
"ހަމަ ގައިމުވެސް މިހާ ގިނަ އަދަދެއްގެ މަސައްކަތް އަޅުގަނޑުގެ ހަޔާތުގައި ދުވަހަކުވެސް ފެނިފައެއްނެވޭ. މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ތިން އެއާޕޯޓު ޕްރޮޖެކްޓު އެބަ ހިމެނޭ. ތިން ކޯޒްވޭ އަދި ލިންކް މަޝްރޫއު ހިމެނޭ. 43 ބަނދަރާއި ޖެޓީގެ މަސައްކަތް އެބަ ހިމެނޭ. ހަތް ޕޯޓެއްގެ މަޝްރޫއު އެބަހިމެނޭ. 33 ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިމެނޭ. މަގު ހެދުމުގެ ހަތް މަޝްރޫއު އެބަ ހިމަނޭ. ފެނާއި ނަރުދަމާގެ އެއް މަޝްރޫއު އެބަ ހިމެނޭ. ރައީސް، އަޅުގަނޑުމެން އަދި ވަރުބައްޔެއް ނުވޭ އިނގޭތޯ. ރައީސްގެ އެނާޖީ ހުރިވަރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ހެނދުނު ހަތަކުން ފަށާގޮތަށް ކޮޅަށް 12 ޖަހާ އެކެއް ޖަހަންދެން އެހުންނަނީ ވަރުބަލިވެވޭކަށް ނެތް ކަމަށް އަޅުގަނޑުމެންނަށް މިދަތުރުމަތީގައިވެސް ފެނިގެން މިދަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރުބަލިކަމެއްނެތި ރައީސްގެ ހުރިހާ ވައުދެއް ދައުރު ނިމުމުގެ ކުރިން ފުއްދައިދޭނަން." އޭނާ ވިދާޅުވި އެވެ.
ރައީސްގެ ދެކަނބަލުންގެ ދިރިއުޅުމުން މިސާލު ނަންގަވައި އާޒިމް ވިދާޅުވީ އާއިލާއެއްގެ ވަރުގަދަ ކަމަކީވެސް މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވޭ ކަމަށެވެ. އެގޮތުން ރައީސާއި އަނބިކަނބަލުން އެކުގައި މަސައްކަތް ކުރައްވާތަން ފެނިވަޑައިގެންފައިވާ ކަމަށާއި އެކަން އަންހެނުންގެ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާއިން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ކޮންމެ ރަށަކުން ރައްޔިތުން ފުރަން ދާއިރުގައި ހިޔަލެއް ހުންނަން ޖެހޭނެ ކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައިވާ ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި އަދި އާންމުން ފުރަން ގޮސްފައި ބަނދަރު މަތީގައި އަވީގަޔާއި ވިއްސާރައިގައި ތިބެން ޖެހުމަކީ ތިމަން މަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫން ކަމެއް ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އެހެން ކަމުން ދައުރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގެ ބަނދަރު މަތީގައި ހިޔަލެއް ހުންނަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން އެމަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށާއި ރައީސް ސޯލިހުގެ މި ދައުރުގެ ތެރޭގައި 180 ރަށުގައި ހިޔާ އަޅައިދޭނެ ކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވައިފަ އެވެ.
އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންނަށް ފާހާނާ ކުރެވޭނެ ގޮތް ބަނދަރު މަތީގައި ނުހުންނަ ކަމަށް އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސްގެ އަނބިކަނބަޅުން މެޑަމް ފަޒުނާ އަހުމަދު ވިދާޅުވެފައިވާ ކަމަށާއި އެހެން ކަމުން އެކަންވެސް އެމްޓީސީސީން ކޮށްދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ދައުރު ނިމުމުގެ ކުރިން ރަށްރަށުގެ ބަނދަރު މަތީގައި ރަށަށް އަރައި ފައިބާ ފަރާތްތަކަށް ފަސޭހައިން ފާހާނަ ބޭނުންކުރެވޭނެ ގޮތް ހަދައި ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން އާޒިމް ވިދާޅުވީ އެމްޓީސީސީ ފުޅާކުރުމަށް ކުރާ މަސައްކަތްތައް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ހައެއްކަ އަހަރުތެރޭގައި އެމްޓީސީސީން ބޭރުގައުމުތަކުގައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެން ގޮވައިގެން އެންމެން އެކައްޗެއް ކިޔައިގެން އެންމެން އެއް އަމާޒެއްގައި މަސައްކަތް ކުރާ މަންޒަރު މިހާރު ފެންނަ ކަމަށާއި ވިޝަނެއް އޮވެއްޖެއްޔާ އެ ވިޝަނެއް ކާމިޔާބު ކުރެވޭނީ ލީޑަރެއްގެ މުރާލި ކަމާއި ހީވާގިކަމާއި އެނާޖީ ހުރެގެން ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އެފަދަ ކެރޭ ހީވާގި މުރާލި އަދި ލީޑަޝިޕް ވަރުގަދަ ބޭފުޅެއް ކަން ފެންނަ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު