މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާތެރެއިން ހައްޔަރުކުރި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ކޮމިޓީއަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއެވެ. އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ފުލުހުން ޣައްސާން އާއި ސައީދު ހައްޔަރުކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. އަދި އެ ދެ މެމްބަރުން ހައްޔަރުކުރުމުގެ ކުރިން މޫނަށް ޕެޕާ ސްޕްރޭ ޖެހި ކަމަށާއި ހައްޔަރުކުރުމަށްފަހު އަތުގައި ބިޑި އަޅުވައި 24 ގަޑިއިރު ވަންދެން ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓި ކަމަށެވެ.
މަޖިލީހުގެ މެމްބަރަކު ބަންދުކުރިކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިއްޖެނަމަ ވީ އެންމެ އަވަހަކަށް އެކަން ބެލުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އެއްކުރަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 236 ވަނަ މާއްދާގައި މެމްބަރަކު ބަންދު ކުރަން ޖެހިއްޖެ ހިނދެއްގައި ބަންދު ކުރާތާ ގިނަވެގެން އެއް ގަޑިއިރުގެ ތެރޭގައި އެކަން މަޖިލީހުގެ ރައީސަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުޔާތުތަކާއި ބާރުތަކުގެ ގާނޫގެ ދަށުން އަދި ރައްޔިތުން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ފުލުހުން އަމަލުކޮށްފައިނުވާ މައްސަލަ ބަލައިދިނުމަށް ސަލީމް ވަނީ އެދިވަޑައިގެންފައެވެ.
ޣައްސާނާއި ސައީދު ފުލުހުން ދޫކޮށްލާފައިވަނީ އިއްޔެއެވެ. މަޖިލީހުގައި ދެ މެމްބަރުން ދޫކޮށްލާފައިވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފޯނު ނަންބަރާއި އުޅޭ އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަން އެންގުމަށް އަދި ފުލުހުންނަށް ކިޔަމަންވުމަށް ޝަރުތުކޮށްފައެވެ.
ހުކުރު ދުވަހު ބޭއްވި އެ އެއްވުމުގެ ތެރެއިން ފުލުހުން ވަނީ ޣައްސާން އާއި ސައީދު ހިމެނޭހެން 17 މީހަކު ހައްޔަރުކޮށްފައެވެ. އެ އެންމެވެސް ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު