ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ތަށި ދިފާއުކުރުމަކީ ތިމަރަފުށީގެ އަމާޒެވެ. އެޓީމުން މިހާތަނަށް އައިސް މުބާރާތުގައި ދައްކަމުން އަންނަ ކުޅުމުން އެ އުންމީދުވެސް ބޮޑެވެ. ގަދަ 16 ފަހަނައަޅައި، ކުއާޓާ ފައިނަލަށް ގޮސް އެ މެޗު ކާމިޔާބުކުރީވެސް ފަސޭހަ ކަމާއެކުގައެވެ. ތިމަރަފުށީގެ ފެންވަރަށް ސުވާލެއް އުފެއްދޭކަން ޔަގީންކޮށްވެސް ނެތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު ދެފަހަރަށް ކާމިޔާބުކުރި ހަމައެކަނި ޓީމަކީ ތިމަރަފުށި ކަމަށްވާ އިރު، މިރޭގެ ސެމީ ފައިނަލުގައި ތިމަރަފުށީގެ އަޒުމަކަށް އޮތީ، ތ. އަތޮޅުގެ ޝަރަފަށްޓަކައި ތަށި ހޯދުމެވެ.

"ތިމަރަފުށިން ބޭނުންވަނީ ތ. އަތޮޅުގައި ތަށި ބަހައްޓަން. ތިމަރަފުށީގެ އަމާޒަކީ މިހާރު އަތޮޅުގެ ޝަރަފުގައި މި ތަށި ހޯދުން. މުބާރާތަށް ފުރިހަމައަށް ތައްޔާރުވެ މިއޮތީ މެޗަށްވެސް ފުރިހަމައަށް ތައްޔާރުވެފައި. އުންމީދަކީ ސަޕޯޓަރުންގެ ހިތްވަރާއެކު ފައިނަލަށް ދިއުން. ކުޑަހުވަދޫ ވަރަށް ޓަފް ވާނެކަންވެސް އެނގޭ. އެހެންވީމަ ސަޕޯޓަރުންގެ ރޫހު ވަރަށް ބޮޑަށް ބޭނުންވާނެ،" ތިމަރަފުށީގެ މެނޭޖަރު ހުސައިން ނިހާދު ބުންޏެވެ.

މިރޭގެ ސެމީ ފައިނަލުގައި ކުޑަހުވަދުއާ ދެކޮޅަށް ތިމަރަފުށި ނުކުންނަ އިރު، ޔަގީނުންވެސް ފެވަރިޓުންނަކީ ތިމަރަފުއްޓެވެ. އެހެން ނަމަވެސް ކުޑަހުވަދޫގެ ކުޅުން އަންޑައެސްޓިމޭޓް ނުކުރެވޭނެއެވެ. ޒޯން ބުރުގައި ދެޓީމު ކުޅުނު މެޗު އެއްވަރުވެގެން ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗު ފޯރިގަދަވާނެ އެއް ސަބަބަކީ އެއީއެވެ.

ތިމަރަފުށީގެ އެންމެ ބޮޑު ތަފާތަކީ އެޓީމުގެ ތަރިންގެ ލިސްޓެވެ. އިބްރާހިމް އަސްވަދު (ގަބޭ)، އަލީ ޝިފާއު (ރޮނާ)، އާދަމް ނާސިހް (އާދަންނާ)، އިބްރާހީމް ހަމްދާން (މެސީ)ގެ އިތުރުން އިބްރާހީމް ސިނާހް (ސިނާ) އާއި ގޯލްކީޕަރު މުހައްމަދު ޝަރުހާން އަދި އިސްމާއީލް މުނީޒް ފަދަ ނަންތަކަކީ ފުޓްސަލްގައި އިތުރު ތަފްސީލަކަށް ދާން ޖެހޭ ނަންތަކެއް ނޫނެވެ. މިހާތަނަށް މުބާރާތުން ފެނުނީވެސް އެ ތަރިންގެ ތަފާތެވެ. ޓީމެއްގެ ގޮތުގަ އާއި އިންޑިވިޖުއަލީވެސް ތިމަރަފުއްޓަކީ ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ދިފާއު ކުރެވޭނެ ޓީމެއްކަން އެޓީމުން އަންނަނީ ދައްކަމުންނެވެ. އަތޮޅަށް ތަށި ގެންދަން ތިމަރަފުށި އޮތީ ތައްޔާރަށެވެ.