ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން މިއަދު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް އިދާރާއަކުން މިކަން ކަށަވަރުކޮށެއްނުދެއެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު އައްޑޫ އިން ހައްޔަރުކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިއްޔެ އައްޑޫ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ނަމަވެސް މި ހަމަލާ ދޭން މަސައްކަތް ކޮށްފައި މިވަނީ ސީދާ ރައީސަށް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒަށް "ވަން" އިން ގުޅުމުން ވިދާޅުވީ މިފަދަ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އައްޑޫ މޭޔަރުވެސް ވިދާޅުވީ އެފަދަ މައުލޫމާތެއް އޭނާއަށްވެސް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.