ޚަބަރު

އައްޑޫ ޕޮލިސް އެކަޑަމީ ވެގެންދާނީ ފުލުހުންގެ ތަމްރީނުތަކަށް މުހިއްމު މުއައްސަސާ އަކަށް: ސީޕީ

އައްޑޫ ސިޓީ ޕޮލިސް އެކަޑަމީ ވެގެންދާނީ ފުލުހުންގެ ތަމްރީނުތަކަށް ބޭނުންވާ ހުރިހާ މަސައްކަތެއް ކުރިއަށްގެންދިއުމަށް މުހިއްމު މުއައްސަސާ އަކަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް"ގެ ނަމުގައި އިންޑިއާގެ އެހީގައި ތަރައްގީކުރި މި އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސީޕީ ހަމީދު ވިދާޅުވީ މިއަދަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ތާރީހީ ދުވަހެއް ކަމަށާއި މަދަނީ ވަކި މުއައްސަސާއަކަށް ބަދަލުވި ދުވަހުން ފެށިގެން ކުރަމުން އައި ވަރަށް ބޮޑު އުއްމީދެއް ހަގީގަތަކަށް މިއަދު ބަދަލުވެފައިވާ ކަމަށެވެ.

އެ އެކަޑަމީ ވެގެންދާނީ ފުލުހުންގެ ޓްރެއިނިން އާއި ކިޔެވުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިއުމަށް މުހިއްމު މުއައްސަސާ އަކަށް ކަމަށާއި ފުލުހުންގެ ހިދުމަތަށް ނުކުންނަ ހުރިހާ ރޭންކު ތަކަކާއި ހުރިހާ ފުލުހުންގެ މަސައްކަތްތައް މެނޭޖްކުރާ ފަރާތްތަކުން ފެށިގެން ފްރަންޓް ލައިންގައި ރައްޔިތުންނަށް ހިދުމަތްދޭ ހުރިހާ ފުލުހުން ތަމްރީނުކުރުމުގެ ޒިންމާ އަދާކުރާނެ މުއައްސަސާ ކަމަށް މި މުއައްސަސާ ވެގެން ދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

"އުއްމީދަކީ މި އެކަޑަމީގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި މުޖުތަމައުގެ ރައްކާތެރިކަމާއި އަމަން އަމާންކަން ކަށަވަރު ކުރުމަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދިއުން. ދިވެހި ފުލުހުންގެ ހިދުމަތުގެ ތެރޭގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީ 21 ވަނަ ގަރުނަށް ފެތޭ އަދި އޭގެ ފަހަށްވެސް ތައްޔާރުވެފައި ތިބި ފުލުހުންނަށްވެ ރައްޔިތުންނަށް ދޭ ހިދުމަތްތައް ވީހާވެސް ފުރިހަމަކޮށް ދެވޭނެކަމުގެ ގާބިލު، އިލްމީ، ހުނަރުވެރި އަދި ހުޝިޔާރު ކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ރޫހުގައި މަސައްކަތް ކުރާ ފުލުހުންނާއި މުވައްޒަފުންނަށް ވެގެން ދިއުން" ސީޕީ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ފުލުހުންގެ ހިދުމަތް ކުރިއަރުވަން ކުރައްވާ މަސައްކަތް ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ އެ އެކަޑަމީ އަކީ ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ތަރައްގީއަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާއަކުންވެސް އެ އެކަޑީމީގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ. އެ މަޝްރޫއު ރާއްޖޭގައި ކުރިއަށް ގެންގޮސްދިނީތީ އިންޑިއާގެ ބޮޑުވަޒީރަށާއި އާއި އިންޑިއާގެ ފޮރިން މިނިސްޓަރު އަދި އެގައުމުގެ ރައްޔިތުންނަށް ސީޕީ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އިންޑިއާގެ އެހީގައި ތަރައްގީކުރި މި އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ސަރުކާރުގެ އިސް ބައެއް ވެރިންވެސް ބައިވެރިވަޑައިގެންނެވި އެވެ. އޭގެ އިތުރުން އައްޑޫ ސިޓީ މޭޔަރާއި ކައުންސިލަރުންވެސް ވަނީ މި ރަސްމިއްޔާތުގައުި ބައިވެރިވެ ވަޑައިގެންފަ އެވެ.

އައްޑޫ ޕޮލިސް އެކަޑަމީގައި އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެއެވެ.