ދ. މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް އަދި ފ. ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެންޑިޑޭޓް އިންތިހާބުކޮށްފިއެވެ.
މިއަދު ވަނީ އެ ދެ ބައި އިލެކްޝަންގެ އިތުރުން ޅ. ކުރެންދޫ ކައުންސިލުގެ ރައީސްކަމަށް ބޭފުޅަކު ހޮވުމަށް ވެސް ބައި އިލެކްޝަން ބާއްވައިފައެވެ.
މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކޮށް, ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓް ހުދުނާ އަބްދުލްއަޒީޒެވެ. އެ ގޮނޑިއަށް އޭނާއާ ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ފަޒްނާ އާއި އެމްއެންޕީގެ ކެންޑިޑޭޓް ޝުއުލާ ވަހީދު އަދި އަމިއްލަގޮތުން ވާދަކުރި އާއިޝަތު ސަމާއެވެ.
އެމްޑީއޭގެ ކެންޑިޑޭޓް ހުދުނާ ގޮނޑި ކާމިޔާބުކުރީ 755 ސައްހަ ވޯޓުގެ ތެރެއިން 353 ވޯޓު ހޯދައިގެންނެވެ. އެމްއެންޕީގެ ކެންޑިޑޭޓް ޝުއުލާއަށް 208 ވޯޓު ލިބުނު އިރު, އެމްޑީޕީގެ ކެންޑިޑޭޓް ފަޒްނާއަށް ލިބުނީ 120 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރި ސަމާއަށް ލިބުނީ 74 ވޯޓެވެ. އެ އިންތިހާބުގައި 13 ވޯޓު ވަނީ ބާތިލުވެފައެވެ.
ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ރަނިއްޔާ ނަސީރެވެ. އެ ގޮނޑިއަށް އޭނާއާ ވާދަކުރީ އެމްއެންޕީގެ ކެންޑިޑޭޓް ހަދީޖާ އަލީގެ އިތުރުން އަމިއްލަގޮތުން ވާދަކުރި ތިން ކެންޑިޑޭޓުން ކަމަށްވާ މުނީރާ އިބްރާހީމާއި ތޯހިރާ އިސްމާއީލް އަދި އާމިނަތު އަލީއެވެ.
ޕީޕީއެމްގެ ރަނިއްޔާ ގޮނޑި ކާމިޔާބުކުރީ 935 ސައްހަ ވޯޓުގެ ތެރެއިން 247 ވޯޓު ހޯދައިގެންނެވެ. އަމިއްލަގޮތުން ވާދަކުރި މުނީރާއަށް 229 ވޯޓު ލިބުނު އިރު, އެމްއެންޕީގެ ކެންޑިޑޭޓް ހަދީޖާއަށް ލިބުނީ 223 ވޯޓެވެ. ދެން ހިމެނޭ އާމިނަތު އަލީއަށް 151 ވޯޓު ލިބުނު އިރު, ތޯހިރާއަށް ލިބުނީ 85 ވޯޓެވެ. އެ އިންތިހާބުގައި 11 ވޯޓު ވަނީ ބާތިލުވެފައެވެ.
އޭގެ އިތުރުން ދެން ބޭއްވި ބައި އިލެކްޝަންގައި ކުރެންދޫ ކައުންސިލުގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ހޮވުނީ އެ ކައުންސިލުގެ ކުރީގެ ރައީސް, ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއިލް މަދީހުއެވެ. އެ މަގާމަށް އޭނާއާ ދެކޮޅަށް ނުކުތީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމެވެ. ކުރެންދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް މަދީހު އިންތިހާބުވީ 1178 ސައްހަ ވޯޓުގެ ތެރެއިން 614 ވޯޓު ހޯދައިގެންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ނަސީމަށް ލިބުނީ 564 ވޯޓެވެ. އެ އިންތިހާބުގައި ބާތިލުވީ 20 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު