ޚަބަރު

ރާއްޖޭގެ ވެކްސިން ކާޑު ބަލައިގަތުމަށް އިންޑިއާ އިން އެއްބަސްވެއްޖެ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ އައްޑޫ ސިޓީއަށް ވަޑައިގަތުމަށްފަހު ދިވެހި ސަރުކާރާއެކު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖައިޝަންކަރުގެ ހާޒިރުގައި މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ދާއިރާތަކުގެ ވެރިންނެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މިރޭ ސޮއިކުރެވުނު އެއްބަސްވުންތަކަކީ ދެގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓުތައް އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ބެހޭ އެއްބަސްވުމަކާއި، ރާއްޖޭގެ ހަޔާ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ގާއިމުކުރެވުނު އެއްބަސްވުމެކެވެ.

މިރޭ ސޮއިކުރެވުނު ވެކްސިން ސެޓްފިކެޓާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. އެ އެއްބަސްވުމާއެކު ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި މިހާރަށްވުރެ ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ކޮވިޑް ސޭފް ވެބްސައިޓް (www.covidsafe.gov.mv) މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިއާގެ ކޮވިޑް ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް އެއް ގައުމު އަނެއް ގައުމުން ބަލައިގަންނާނެއެވެ.

ރާއްޖޭގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި، އިންޑިއާގެ ނޭޝަނަލް އިންފޮމެޓިކްސް ސެންޓަރު (އެންއައިސީ) އާ ދެމެދު ސޮއިކުރެވުނު ޕިއަރިން އެގްރިމެންޓަކީ، އެ ދެ މުއައްސަސާގެ މެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާގެ 1،700 އަށްވުރެ ގިނަ ތައުލީމީ އިދާރާތަކާ އޮންލައިންކޮށް ގުޅައިލެވި އެތަންތަނުގެ ވަސީލަތްތައް ހޯދައި ލިބިގަތުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޑރ. ޖައިޝަންކަރާއި ޝާހިދު ވަނީ ހަޔާ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމުކޮށްދެއްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދެ އެއްބަސްވުމުގެ އިތުރުން ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.