ހއ. އިހަވަންދޫގައި ހުންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ އައިސްޕްލާންޓްގެ އެކޮމޮޑޭޝަން ބްލޮކް ތެރޭގައި ޖޫން 16، 2018 ގައި، ޅ. ހިންނަވަރު/ އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރައިލިކަމުގެ ކުށް، ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ މައްޗަށް ސާބިތުވެ އޭނާ މަރަން ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމް ކޮށްފިއެވެ.

އިއްސެގެ މަރުގެ މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ދައުލަތުން ދައުވާކުރީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ.

މި މައްސަލައިގައި އިއްސެ މަރާލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން އެއްބަސްުވުމަށްފަހު އެންމެ ފަހު މަރުހަލާގައި އޭނާ އެކަމަށް އިންކާރު ކުރިއެެވެ.

މިކަމާ ގުޅިގެން ކުރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު އިއްވި ހުކުމްގައި ވަނީ، އައިސްޕްލާންޓްގެ އެކޮމޮޑޭޝަން ބްލޮކްގައި ނިދާފައި އޮއްވައި، އިއްސެއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ކަމަށް އިބްތިދާއީ މަރުހަލާގަ އާއި ޝަރީއަތުގެ މަރުހަލާގައި ވެސް ޝުމޮން މިއާ އިއުތިރާފުވެފައިވާ ކަމަށެވެ.

ޝަރީއަތުގެ އެންމެ ފަހު މަރުހަލާގައި އޭނާ ދައުވާއަށް އިންކާރުކޮށް، އިއުތިރާފުން ރުޖޫއަވި ނަމަވެސް، ދައުވާއަށް އިންކާރުކުރި ސަބަބަކީ އިއުތިރާފުން ރުޖޫއަވެވޭނެ ފަދަ ސަބަބެއް ކަމަށް ޝަރީއަތުން ނުދެކޭތީ އާއި، ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.

އިއްސެގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި ތިން މީހުން ކަމަށްވާ އޭނާގެ ދެބެއިންގެ ދެދަރި ބޭބެ އާއި އެއްބަނޑު އެއްބަފާ ދެ ދައްތަ ބޭނުންވަނީ އިއްސެގެ މަރުގެ ބަދަލުގަައި ގާތިލުގެ ކިބައިން ގިސާސް ހިފަން ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.

އެހެންކަމުން ޝުމޮން މިއާގެ މައްޗަށް ސާބިތުވި، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން، އިސްލާމީ ޝަރީއަތުގައިވާ އުސޫލުތަކާ ހިލާފުނުވާނޭ ގޮތުގެމަތިން، ޝުމޮން މިއާ މެރުމަށް ދައުލަތުގެ ކަމާބެެހޭ ފަރާތްތަކަށް އަންގައި ހުކުމް ކުރާ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.