މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި ފޮރުވާފައި ހުއްޓައި މިއަދު އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިން އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިސް އިންޓެލިޖެންސުން މާލޭގައި ސާޗު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން އޮޕަރޭޝަންގައި މާފަންނު ގެއަކުން 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގެ އެންމެ އިސް މޭސްތިރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވަނީ އިއްޔެ ހަވީރު ވަނީ ވިދާޅުވެފަ އެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ހުސައިން އެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕީއެންސީ ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ހުސައިން ގެ މައްޗަށް ކުރެވޭ ތުހުމަތެއްގައި އޭނާ ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބުމާއެކު، އެމައްސަލަ ބެލުމަށްފަހު ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޭނާ ޕާޓީގެ ކައުންސިލް މެންބަރު ކަމުން ވަކިކޮށް، ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައިވެސް ޕާޓީގެ އެއްވެސް ހަރަކާތެއްގައިވެސް ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދަށް ބަލާއިރު، ޕާޓީގެ ސިޔާސަތުތަކާއި ހިލާފުވެ، ގާނޫނާއި ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ އަސާސީ ގަވާއިދުން ޕާޓީއަށް ލިބިދީފައިވުމާއިއެކު، އަހުމަދު ހުސައިންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ކުޑަބޮޑުމިނަށް ބަލައި، އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި އަމަލުކުރެވިފައިވާ ގޮތްތަކަށް ރިއާއަތް ކުރުމަށްފަހު ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ޕާޓީން ވަނީ އަހުމަދު ހުސައިންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ މައްސަލަ ބަލައި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާ ބެހޭ އެންމެހައި މުއައްސަސާތަކަށްވެސް ގޮވާލާފަ އެވެ.