ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިއްޔެ ބޭއްވި "ނޭވާ ހޮޅިއަށް" އެއްވުމުގެ ތެރެއިން ހައްޔަރު ކުރި މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑީއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މުޒާހަރާއިން ހައްޔަރުކުރީ 17 މީހަކު ކަމަށާއި އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ 17 މީހުން ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.

އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް ޑެޕިއުޓީ ޕާލިމެންޓް ލީޑަރު އަދި ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި ޕީއެންސީ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހިމެނެއެވެ. އަދި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެއެވެ.

ފުލުހުން ވަނީ އިދިކޮޅު އެއްވުން ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. ޕެޕާ ސްޕްރޭ ޖެހުމުން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް އަނިޔާވި މީހުންގެ އަދަދު ސާފެއް ނޫނެވެ.

"ނޭވާ ހޮޅިއަށް"ގެ ނަމުގައި ކުރިއަށްގެންދިޔަ އެއްވުން ބާއްވާ ގޮތަށް ފުރަތަމަ ހަމަޖެއްސީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައެވެ. ނަމަވެސް އެ ސަރަހައްދު އެސްއޯ ފުލުހުން ބެރިކޭޑް ޖަހައި ބަންދުކުރުމުން އިންޑިއާ އައުޓް ޖެހި ރަތް ކުލައިގެ ޓީޝާޓް ލައިގެން ތިބި އެއްވުމުގެ ބައިވެރިން ޖަމާވީ ކާނިވާ ސަރަހައްދަށެވެ. އެއްބަޔަކު މަސްވެރިންގެ ޕާކު ސަރަހައްދަށްވެސް ޖަމާވިއެވެ. ނަމަވެސް އެ ސަރަހައްދަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި އެއްވުން ރޫޅާލިއެވެ.

އެ ހަރަކާތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފެށީވެސް އެކަމަށް ފުރުސަތު ނުދޭނެ ކަން ފުލުހުން އަންގައި އިންޒާރު ދީފައިވަނިކޮށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ނޫނެވެ. އަދި ގޭންގްތައް ބޭނުންކޮށްގެން ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށްވެސް ފުލުހުން ތުހުމަތުކުރިއެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

އިއްޔެގެ އެއްވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެމްއެންޑީއެފްގެ ސެކިއުރެޓީގެ ފަރާތުން ހުއްދަ ނުލިބުމާ ގުޅިގެން އެމަނިކުފާނަށް އެއްވުމުގައި ބައިވެރިވެވަޑައިނުގަނެވުނު ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.