އިދިކޮޅު ކޯލިޝަނުން އިއްޔެ މުޒާހަރާ ކުރަމުންދިޔައިރު ފުލުހުންގެ ވެހިކަލް ގައި އިން ބިދޭސީ މީހާ އަކީ، އެ މުއައްސަސާގެ މެޑިކަލް ޓީމުގައި ހަރަކާތްތެރިވާ މުވައްޒަފެއް ކަމަށް ފުލުހުން ބުނެފި އެވެ.

އިންޑިއާ މީހަކު ފުލުހުންގެ ވެހިކަލްގައި އިނދެ ކޮމާންޑު ދިން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ފުލުހުންގެ ވެހިކަލްގައި އިއްޔެ ހަރަކާތްތެރިވީ އެ މުއައްސަސާގެ މެޑިކަލް ޓީމުގައި ހިމެނޭ ބިދޭސީ މުވައްޒަފެއް ކަމަށެވެ.

އޮފިސަރު ވިދާޅުވީ އާންމުކޮށްވެސް މުޒާހަރާތަކުގައި މެޑިކަލް އޮފިސަރަކު ބައިވެރިވާނެ ކަމަށެވެ. އެގޮތުން އިއްޔެގެ މުޒާހަރާގައިވެސް ބިދޭސީ މީހާ ބައިވެރިވީ މެޑިކަލްގެ ފަރާތުން ކަމަށެވެ. އަދި އޭނާގެ ފޮޓޯ އާއި ވީޑިއޯ އާންމުކުރުމުން އޭނާ އަށް ވަރަށް ގިނަ އިންޒާރުތައް ލިބެމުންދާ ކަމަށެވެ.

އިދިކޮޅުން ވަނީ ފުލުހުންގެ ވެހިކަލްގައި އިނދެ އެމީހާ ފުލުހުންނަށް ކޮމާންޑު ދެމުންދިޔަ ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމަކު ފުލުހުން މިކަން ދޮޮގުކުރެ އެވެ.

އިދިކޮޅުން ދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިންޑިއާ އައުޓުގެ ނަމުގައި ހާއްސަ ކެމްޕޭނެއް ކުރަމުންނެވެ.