ރާއްޖޭގައި ތިބި އިންޑިއާ ސިފަިއން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާއާ ގުޅިގެން ކަނޑުމަތިން އެއްވެސް ބަޔަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

"ނޭވާ ހޮޅިއަށް" މުޒާހަރާ ނިންމާލުމަށްފަހު އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޯލިޝަންގެ އެޑްވައިޒަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، މުޒާހަރާގައި ބައިވެރިވާން އަތޮޅުތަކުން މާލެ އައި ގިނަ ބަޔަކު މާލެ އެރިޔާ ނުދީ ފޮނުވާފައިވާ ކަމަށެވެ. އަދި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ހައްޔަރުކޮށް ބައިތިއްބާފައި ތިބިތަން އެ ކޯލިޝަނަށް އަދި އެގިފައިނުވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުންދު ތުހުމަތުކުރެއްވީ އަތޮޅުތަކުން މާލެ އައި މީހުން ގާނޫނާ ހިލާފަށް މާލެ އެރިޔާ ނުދީ އަނބުރާ ފޮނުވައިލީ އެމްއެންޑީއެފުން ކަމަށެވެ. އެ ބައިވެރިން އަނބުރާ ނުފޮނުވިނަމަ އެއްވުމުގައި 12،000 ބައިވެރިވާނެ ކަމަށް މުންދު ވިދާޅުވިއެވެ.

މުންދުގެ އެ ވާހަކަތަކާ ގުޅިގެން ސިފައިން ފަރާތުން ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް މިރޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދުގެ މުޒާހަރާއާ ގުޅިގެން ކަނޑުމަތިން އެއްވެސް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާ ކަމަށެވެ.

މިއަދުގެ އެއްވުމުގެ ތެރެއިން ފުލުހުން ވަނީ 11 މީހަކު ހައްޔަރުކޮށްފައެވެ. 11 މީހުން ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށާއި އެމީހުން މިހާރު ތިބީ ފުލުހުންގެ މައި އިދާރާގައި ކަމަށް ފުލުހުން ބުންޏެވެ.

އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް ޑެޕިއުޓީ ޕާލިމެންޓް ލީޑަރު އަދި ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި ޕީއެންސީ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ހިމެނެއެވެ. އަދި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެއެވެ.

ފުލުހުން ވަނީ އިދިކޮޅު އެއްވުން ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. ޕެޕާ ސްޕްރޭ ޖެހުމުން ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ.

"ނޭވާ ހޮޅިއަށް" ހަރަކާތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފެށީވެސް އެކަމަށް ފުރުސަތު ނުދޭނެ ކަން ފުލުހުން އަންގައި އިންޒާރު ދީފައިވަނިކޮށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ނޫނެވެ. އަދި ގޭންގްތައް ބޭނުންކޮށްގެން ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށްވެސް ފުލުހުން ތުހުމަތުކުރިއެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

މިއަދުގެ އެއްވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެމްއެންޑީއެފްގެ ސެކިއުރެޓީގެ ފަރާތުން ހުއްދަ ނުލިބުމާ ގުޅިގެން އެމަނިކުފާނަށް އެއްވުމުގައި ބައިވެރިވެވަޑައިނުގަނެވުނެވެ.