ރާއްޖޭގައި ތިބި އިންޑިއާ ސިފަިއން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި "ނޭވާ ހޮޅިއަށް" އެއްވުމުގައި ބައިވެރިވި 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، އެ 11 މީހުން ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ. އަދި އެމީހުން މިހާރު ތިބީ ފުލުހުންގެ މައި އިދާރާގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް ޑެޕިއުޓީ ޕާލިމެންޓް ލީޑަރު އަދި ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި ޕީއެންސީ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ހިމެނެއެވެ. އަދި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެއެވެ.

ހައްޔަރުކޮށްފައިވަނީ 11 މީހުން ކަމަށް ފުލުހުން ބުންޏަސް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއްވުމުގެ ތެރެއިން 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ އިދިކޮޅު އެއްވުން ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. ޕެޕާ ސްޕްރޭ ޖެހުމުން ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އަނިޔާވި މީހުންގެ އަދަދު ސާފެއް ނޫނެވެ.

"ނޭވާ ހޮޅިއަށް"ގެ ނަމުގައި ކުރިއަށްގެންދިޔަ އެއްވުން ފުރަތަމަ ބާއްވާ ގޮތަށް ހަމަޖެއްސީ ޕީޕިއެމްގެ އޮފީސް ކުރިމަތީގައެވެ. ނަމަވެސް އެ ސަރަހައްދު އެސްއޯ ފުލުހުން ބެރިކޭޑް ޖަހައި ބަންދުކުރުމުން އިންޑިއާ އައުޓް ޖެހި ރަތް ކުލައިގެ ޓީޝާޓް ލައިގެން ތިބި އެއްވުމުގެ ބައިވެރިން ޖަމާވީ ކާނިވާ ސަރަހައްދަށެވެ. އެއްބަޔަކު މަސްވެރިންގެ ޕާކު ސަރަހައްދަށްވެސް ޖަމާވިއެވެ. ނަމަވެސް އެ ސަރަހައްދަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައި އެއްވުން ރޫޅާލިއެވެ.

އެ ހަރަކާތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފެށީވެސް އެކަމަށް ފުރުސަތު ނުދޭނެ ކަން ފުލުހުން އަންގައި އިންޒާރު ދީފައިވަނިކޮށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ނޫނެވެ. އަދި ގޭންގްތައް ބޭނުންކޮށްގެން ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށްވެސް ފުލުހުން ތުހުމަތުކުރިއެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

މިއަދުގެ އެއްވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެމްއެންޑީއެފްގެ ސެކިއުރެޓީގެ ފަރާތުން ހުއްދަ ނުލިބުމާ ގުޅިގެން އެމަނިކުފާނަށް އެއްވުމުގައި ބައިވެރިވެވަޑައިނުގަނެވުނެވެ.