ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތްތަކުން މާލޭގައި މިހާރު ބާއްވަމުންދާ ހަރަކާތް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް ބައެއް މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވަނީ އިދިކޮޅު އެއްވުން ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. ޕެޕާ ސްޕްރޭ ޖެހުމުން ބައެއް މީހުންނަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އަނިޔާވި މީހުންގެ އަދަދު ސާފެއް ނޫނެވެ.
ޕީޕީއެމުން ބުނި ގޮތުގައި އެއްވުމުގެ ތެރެއިން މިހާތަނަށް ދިހައަކަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްވެސް ހިމެނެއެވެ.
"ނޭވާ ހޮޅިއަށް"ގެ ނަމުގައި ކުރިއަށްގެންދާ އެއްވުން ފުރަތަމަ ބާއްވާ ގޮތަށް ހަމަޖެއްސީ ޕީޕިއެމްގެ އޮފީސް ކުރިމަތީގައެވެ. ނަމަވެސް އެ ސަރަހައްދު އެސްއޯ ފުލުހުން ބެރިކޭޑް ޖަހައި ބަންދުކުރުމުން އިންޑިއާ އައުޓް ޖެހި ރަތް ކުލައިގެ ޓީޝާޓް ލައިގެން ތިބި އެއްވުމުގެ ބައިވެރިން ޖަމާވަމުން ދިޔައީ ކާނިވާ ސަރަހައްދަށެވެ. އެއްބަޔަކު މަސްވެރިންގެ ޕާކު ސަރަހައްދަށްވެސް ޖަމާވިއެވެ. ނަމަވެސް އެ ސަރަހައްދަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން އެތަނުގައި އޮތް އެއްވުން ވަނީ ރޫޅިފައެވެ.
އިދިކޮޅުން މާލޭގައި "އިންޑިއާ އައުޓް" ހަރަކާތް ފެށީވެސް އެކަމަށް ފުރުސަތު ނުދޭނެ ކަން ފުލުހުން އަންގައި އިންޒާރު ދީފައިވަނިކޮށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ނޫނެވެ. އަދި ގޭންގްތައް ބޭނުންކޮށްގެން ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށްވެސް ފުލުހުން ތުހުމަތުކުރިއެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.
އިދިކޮޅު އެއްވުމުގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު