ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭ އޮފް ބުރުގައި އިޓަލީން ކުޅުނު ފުރަތަމަ މެޗުގައި ނޯތު މެސަޑޯނިއާ އަތުން ބަލިވެ، ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނު އިރު، އެ ބްރެކެޓްގައި ހިމެނޭ ޕޯޗުގަލުން ކުޅުނު ފުރަތަމަ މެޗުގައި ތުރުކީ ބަލިކޮށްފިއެވެ.
ޔޫއެފާ ކޮލިފިކޭޝަން ޕްލޭ އޮފްގައި ޖުމުލަ 12 ޓީމު ހިމެނިފައިވާ އިރު، ޕްލޭ އޮފް ބުރުން ކޮލިފިކޭޝަނަށް ދާނީ ތިން ޓީމެކެވެ. އެ ތިން ޓީމު ކޮލިފިކޭޝަނަށް ދާން އޮތް މަގަކީ ތިން ބްރެކެޓެއްގެ ތެރެއިންނެވެ. ކޮންމެ ބްރެކެޓެއްގައި ހަތަރު ޓީމު ހިމެނޭ އިރު، ފުރަތަމަ ކުޅޭނީ ސެމީ ފައިނަލް ދެމެޗެކެވެ. އެއަށްފަހު ގަތަރު ވޯލްޑް ކަޕަށް ދާ ޓީމު ޔަގީންކުރަން ކުޅޭނީ ފައިނަލް މެޗެކެވެ.
ޔޫރަޕްގެ ކޮލިފިކޭޝަން މިރޭ ފަށާފައިވާ އިރު، ފުރަތަމަ ބުރުގެ މެޗުތައް މިރޭ ވަނީ ކުޅެފައެވެ. އެންމެފަހުގެ ޔޫރަޕްގެ ޗެމްޕިއަނުން އިޓަލީން އަމިއްލަ ދަނޑުގައި މިރޭ ނޯތު މެސަޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ޔޫރަޕްގެ ފުޓުބޯޅައިގައި އިޓަލީއަކީ ގަދަ ބާރެއްގެ ގޮތުގައި އޮތް އިރު، ނޯތު މެސަޑޯނިއާ އަކީ މަޑުމަޑުން ކުރިއަރަމުން އަންނަ ގައުމެކެވެ. މިރޭގެ މޮޅު ނޯތު މެސަޑޯނިއާއަށް ހާއްސަވީ ތާރީހީ މޮޅެއްގެ ގޮތުގައެވެ. މިއީ ނޯތު މެސަޑޯނިއާގެ ތާރީހުގައިވެސް އިޓަލީ ކައިރިން ހޯދި ފުރަތަމަ މޮޅެވެ.
މެޗުގައި ނޯތު މެސަޑޯނިއާއިން ވަރުގަދައަށް ޑިފެންސްކޮށް ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގައެވެ. އެޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ އެލެގްސެންޑްރާ ޓްރަކޯވްސްކީއެވެ. އެ ގޯލަކީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާއަކުން ވައްދާލި ހިތްގައިމު ގޯލެކެވެ.
އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުންވެސް އިޓަލީއަށް ފުރުސަތު ގެއްލިފައިވާ އިރު، އަނެއްކާވެސް މިއީ އެގައުމުގެ ފުޓުބޯޅައަށް ލަދުވެތި ނަތީޖާއެކެވެ. އިޓަލީން އެންމެފަހުން ވޯލްޑް ކަޕެއް ކުޅެފައިވަނީ 2014 ވަނަ އަހަރުއެވެ.
އެ ބްރެކެޓްގައި ދެން މިރޭ ކުޅުނު މެޗުގައި ޕޯޗުގަލުން ތުރުކީގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
ޕޯޗުގަލްގެ ގޯލުތައް މެޗުގައި ޖަހައިދިނީ އޮޓޭވިއޯއާއި ޑިއޭގޯ ޖޮޓާގެ އިތުރުން މެތިއަސް ލުއިސްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލުން ދެ ގޯލުގެ ލީޑެއް ނެގި އިރު، ދެވަނަ ހާފަށް ނުކުމެ ބުރަކް ޔިލްމާޒްގެ ގޯލުން ތުރުކީ މެޗުގެ ފަރަގު ކުޑަކުރިއެވެ. ނަތީޖާ އެއްވަރުކުރުމަށް ތުރުކީއަށް މެޗުގެ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ޔިލްމާޒް ނާކާމިޔާބު ކޮށްލައިފައިވެއެވެ. ޕޯޗުގަލްގެ ތިންވަނަ ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގައެވެެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން