އައްޑޫ ސިޓީގައި މޫނު ނިވާކޮށްގެން ހުރި މީހަކު ވަޅިއަކުން ބިރު ދައްކައި، ފިހާރައަކުން މިއަދު ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުން ބުނީ، ތޫނު އެއްޗަކުން ބިރު ދައްކައިގެން ފޭރުނު މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ފިހާރައިން ފޭރޭ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެ މަންޒަރުތަކުން އެނގޭ ގޮތުގައި އެކަން ހިނގީ މިއަދު މެންދުރު 3:00 ހާއިރުއެވެ.
އެ ފޫޓޭޖުން ފެންނަނީ ދެ އަތަށް ހުދު ކުލައިގެ ރަބަރު އަންގި ލައްވައިގެން ފޮތިގަނޑެއް ކަހަލަ އެއްޗެކުން މޫނު ނިވާކޮށްގެން ހުރި މީހަކު ފިހާރައަށް ވަދެ ފިހާރައިގެ ކައުންޓަރުގައި ހުރި ފައިސާތައް ނަގާ މަންޒަރެވެ. އަދި ވަޅިން ބިރުދެއްކުމުން ކައުންޓަރުގައި ތިބި އަންހެން ދެ މުވައްޒަފަކު ދުރަށް ޖެހެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހާ ފައިސާތައް ފޭރިގަތީ އެލްފިން ކޮސްމެޓިކްސް ފިހާރައިންނެވެ. ނަމަވެސް ފޭރިގެންފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ކަށަވަރެއް ނުވެއެވެ.