އައްޑޫ ސިޓީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލީ އަބްދުﷲ މަރާލުމަށް، ސ.ހިތަދޫ ސްކޫލް އިރު އުތުރު ފަރާތު ކަންމައްޗަށް އޭނާ ގެންގޮސްދިނީ 50،000 ރުފިޔާ ދޭން އެއްބަސްވުމުން ކަމަށް އަލީގެ މަރުގެ މައްސަލައިގައި، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެގެން ހުކުމް ކުރި ސ. ހިތަދޫ ނަޝީދީގެ، މުހައްމަދު ޝިފާޒް ބުނެފިއެވެ.
އަލީ އަބްދުﷲ މަރާލީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި ސ.ހިތަދޫ ސްކޫލް އިރު އުތުރު ފަރާތު ކަންމައްޗާ ދިމާލަށް ގެންގޮސް ކަރުގައި ވާގަނޑެއް އައްސައި ބާރުކުރުމުގެ އިތުރުން އަނިޔާކޮށްގެންނެވެ. އަލީ މަރާލި ކަމަށް ތުހުމަތުވަނީ އޭނާއަށް ބޮޑުބޭބެ ކިޔާ އަހުމަދު އިބްރާހިމް ދީދީއެވެ.
އެ މައްސަލައިގައި ޝިފާޒް ދިން ބަޔާނުގައި ބުނެފައިވަނީ، އަލީއަކީ ފުލުހުންގެ ހަރަކާތްތަކަށް ބަލައިގެން އޭނާގެ "ޓޫވޭވް" ފިހާރަ ރޭގަނޑު 10:00 ގެ ފަހުން ހުޅުވައިގެން ވިޔަފާރި ކުރަމުންދާ މީހެއް ކަމަށެވެ.
އެގޮތަށް ވިޔަފާރި ކުރާއިރު އޭނާ މަޑުކޮށްގެން ހުންނަނީ ޝިފާޒާއި ސ. ހިތަދޫ އެބީވިލާ ހަފްސާ ހުސެއިންއާ ދެމީހުންގެ ގާތުގައި ކަމަށާއި، އެގޮތަށް ވިޔަފާރި ކުރަން ފަތިސްވަގުތާ ހަމައަށް ހުންނަ ކަމަށްވެސް ބުނެފައިވެއެވެ.
އަލީ މަރާލި ރޭ ދަންވަރު 3:00 އަށް، އެ ސަރަހައްދަށް އަލީ ގެންގޮސްދީފިނަމަ 30،000 ރުފިޔާ ދޭނެ ކަމަށް އަހުމަދު އިބްރާހިމް ދީދީ ބުނި ކަމަށާއި، ނަމަވެސް އެ ސަރަހައްދަށް އަލީ ގެންދަން އެއްްބަސްވީ 50،000 ރުފިޔާއަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އެރޭ ތިނެއް ހާއިރު، ވިޔަފާރި ނިންމައި އަލީ އޭނާގެ ސައިކަލުގައި ގެއަށް ދާން އުޅެނިކޮށް، އޭނާ ގޮވައިގެން ރައްޓެއްސެއްގެ ސައިކަލު ނަގަން ގެންގޮސްދޭން ޝިފާޒު ބުނި ކަމަށާއި ޝިފާޒް ގޮވައިގެން އޭނާ ބުނިގޮތަށް އަލީ ދުއްވާފައި ގޮސް ހިތަދޫ ސްކޫލް އިރު އުތުރު ފަރާތަށް ދިއުމުން، އެދިމާ ޗަސްބިމާ (އަލައޮޅު) ދިމާލު ވަލުތެރެއިން އަހުމަދު އިބްރާހިމް ދީދީ އާއި މޫނު ނިވާކޮށް، ހުދު ކުލައިގެ ރަބަރު އަންގިތަކެއް ލައިގެން ތިބި އިތުރު ދެ މީހަކު ނުކުމެ، ދީދީގެ ކަނާތު ފައިން އަލީގެ ސައިކަލުގެ ވާތް ފަރާތުގެ އަރިމަތީގައި ޖެހުމުން ސައިކަލުގެ ބެލެންސް ކަޓައިގެން ދިޔަ ނަމަވެސް ނުވެއްޓި ތަންކޮޅަށް ދާއިރަށް، އެތަނުގައި ހުރި އެކަކު ސައިކަލުގެ ކުރިމައްޗަށް އެރުމުން ސައިކަލު އަރިއަޅާލައި އަލީ ބަންޑުން ވެއްޓުނު ކަމަށްވެސް ބުނެފައިވެއެވެ.
އެ ހާދިސާ ހިނގިގޮތް ކިޔައިދެމުން ޝިފާޒް ބުނެފައިވަނީ، އެވަގުތު ހުދު ކުލައިގެ ވާގަނޑެއް އަލީގެ ކަރުގައި ދީދީ އޮޅާލުމަށްފަހު ބާރުކޮށް ކޮޅަށް ނެގުމުން މޫނު ނިވާކޮށްގެން ތިބި ދެމީހުން އަލީގެ ގައިގައި ތަޅައި މާރާމާރީ ހިންގި ކަމަށެވެ. އަދި އެ ދެމީހުންނަށް ޝިފާޒް ފެނުމުން، މޫނު ނިވާކޮށްގެން ހުރި ފޮތިގަނޑު ނެގުމަށްފަހު، އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނެފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ ދެމީހުންނަކީ އޭނާ ދަންނަ ދެމީހުން ކަމަށްވެސް ބުނެފައިވެއެވެ.
އަހުމަދު އިބްރާހިމް ދީދީ، އަލީގެ ކަރުގައި އޮޅައިލި ވާފަށަށް ބާރުކޮށްގެން އިރުކޮޅެއްވުމުން އަލީގެ ހަރަކާތް އެއްކޮށް ހުއްޓުނު ކަމަށާއި، ކަރުގައި އޮޅާފައިވާ ވާފަށަށް ދަމަމުން ގެންގޮސް ޗަކަ ބިމާ ހަމައަށް އަލީ ގެންގޮސް އެތަނުގައި ބޭއްވީ މޫނު ނިވާކޮށްގެން ހުރި ދެމީހުނުްގެ ތެރެއިން މުބާރިކު މުހައްމަދާއި ދިދީ ކަމަށްވެސް ބުނެފައިވެއެވެ.
އެއަށްފަހު އަލީގެ ޖީބުތައް އެމީހުން ޗެކުކޮށް، ޖިންސުގެ ފަަހަތު ޖީބުން މުބާރިކު ފައިސާތަކެއް ނެގި ކަމަށާއި، ޖިންސުގެ ކުރިމަތީ ޖީބުން އަހުމަދު އިބްރާހިމް ދީދީ "ޓޫވޭވް" ފިހާރައިގެ ތަޅުދަނޑި ނެގި ކަމަށްވެސް ބުނެފައިވެއެވެ. އަދި އަލީ ގެންގުޅުނު އެޗްޓީސީ ފޯނާއި ސައިކަލް ތަޅުދަނޑި ގަސްތަކުގެ ތެރެއައް އެއްލައިލުމަށްފަހު އެމީހުން ދުވެފައި ދިޔައީ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އަނެއްދުވަހު ހެނދުނު އޭނާއަށް ހޭލެވުނީ، ފުލުހުން އައިސް އަލީއާ ބެހޭގޮތުން ސުވާލުކުރުމުން ކަމަށާއި، އަލީއަށް ވީގޮތެއް ނޭނގޭ ކަމަށް ފުލުހުން ގާތު ބުނި ކަމަށްވެސް ޝިފާޒު ބުންޏެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެރޭ އަށެއްޖަހާ އެހާކަންހާއިރު، އަހުމަދު އިބްރާހިމް ދީދީ އޭނާއާ ބައްދަލުކޮށް، ކޮތަޅަކަށް އަޅާފައިވާ ގިނަ އަދަދެއްގެ ފައިސާ ދިން ކަމަށާއި، އެއީ އަލީ އެ ސަރަހައްދަށް ގެންދިއުމުން ދިން ފައިސާ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އެ ފައިސާ ގުނުުމުގެ ބަދަލުގައި ފައިސާކޮތަޅު ގޭ ގޯތި ތެރޭގައި ވަޅުލުމަށްފަހު އެހުރިހާ ކަމެއް ސިއްރުކޮށްގެން ހުރީ ކަމަަށްވެސް ބުނެފައިވެއެވެ.
ނަމަވެސް 2016، މާޗް ނުވަވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، ފުލުހުން އޭނާގެ ގެ ބަލައި ފާސްކުރުން ކުރިއަށްގެންދިޔަ އިރު، އަހުމަދު އިބްރާހިމް ދީދީ އަތުން ލިބުނު ފައިސާތައް ވަޅުލި ތަން ފުލުހުންނަށް ދެއްކި ކަމަށާއި، އޭނާގެ ހާޒިރުގައި ފުލުހުން އެ ކޮތަޅު ނަގައި އޭގައި ހުރި ފައިސާ ގުނި ކަމަށްވެސް ބުނެފައިވެއެވެެ.
ޝިފާޒް ބުނީ އޭގައި ހުރީ 40،0095 ރުފިޔާގެ އިތުރުން 70 ޑޮލަރު ކަމަށެވެ.
މި މައްސަލައިގައި އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝިފާޒްގެ މައްޗަށްކޮށް، ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ހަ އަހަރުގެ މުއްދަތަށް ޖަލަށްލުމަށް އޭނާއަށް ހުކުމް ކުރިއިރު، އެ ހުކުމުން ބަންދުގެ މުއްދަތު އުނި ކުރުމުން ހުކުމް ތަންފީޒު ކުރަންޖެހޭ މުއްދަތެއް ނެތުމުން އޭނާ ވަނީ މިނިވަންވެފައެވެ.
މި މައްސަލައިގައި އަލީ އަބްދުﷲ މަރާލިކަން އަހުމަދު އިބްރާހީމް ދީދީގެ މައްޗަށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް 2020 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު