ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ފައްޓަވާ ދަތުރުފުޅުގައި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާން ނިންމަވައިފައިވާ އިރު، އައްޑޫ ސިޓީގައި ގާއިމު ކޮށްފައިވާ ޕޮލިސް އެކެޑަމީ މި ދަތުރުފުޅުގައި ހުޅުއްވައިދެއްވަން ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފިހުން މިއަދު ބުނީ، ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި، ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫސީޓިގެ ގަން، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދޫ އަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އައްޑޫ ސިޓީ ހިތަދޫގައި ގާއިމު ކޮށްފައިވާ ފުލުހުންގެ އެކަޑަމީ ހުޅުއްވައި ދެއްވާނެއެވެ.

ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ދެކުނުން ބޮޑު ސަރަހައްދެއްގައި ގާއިމުކޮށްފައިވާ މި ތަނުގެ އަމަލީ މަަސައްކަތް ފެށީ 2016 ވަނަ އަރުގައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މީގެ ކުރިން ވިދާޅުވެފައިވަނީ އެ އިމާރާތް ކޮށްދިނުމަށް އިންޑިޔާ ސަރުކާއާއެކު ދިވެހި ސަރުކާރުން އެއްބަސް ވެފައިވަނީ 18.3 މިލިޔަން ޑޮލަރު ހަރަދު ކޮށްގެން އިންޑިއާގެ ކުންފުންޏަކުން އެ މަަސައްކަތް ކުރުމަށް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ބޮޑު މައްސަލައަކަށް ވެފައިވާ އައްޑޫސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ކްރެޑިޓް ލައިނެއްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އައްޑޫސިޓީގެ ތިން ރަށަކުން ބިން ހިއްކާނެއެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 50 އަހަރަށް އައްޑޫގެ ބިމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެ މަޝްރޫއާމެދު ހިޔާލު ތަފާތު ވެފައިވަނީ، އެ މަޝްއޫއުގެ ސަބަބުން އައްޑޫސިޓީގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ވެގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރު ފުޅުގައި، އައްޑޫސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށެވެ. އަދި މަރަދޫ ބަނދަރާއި މީދޫ ބަނދަރު ހުޅުވައިދެއްވުމުގެ އިތުރުން ހިތަދޫ މަސްޖިދް އިބްރާހީމް އާއި، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވައިދެއްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު އެނބުރި މާލެ ވަޑައިގަންނަވާނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.