އައްޑޫ ސިޓީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުﷲ އަލީ މަރާލި މައްސަލައިގައި ދައުވާ ކުރި، ސ. ހިތަދޫ ނަޝީދީގެ، މުހައްމަދު ޝިފާޒްގެ މައްޗަށް ކުށް ސާބިތުވެ އިއްވި ހުކުމުން ބަންދުގެ މުއްދަތު އުނި ކުރުމުން ހުކުމް ތަންފީޒު ކުރަންޖެހޭ މުއްދަތެއް ނެތުމުން މިނިވަން ވެއްޖެއެވެ.
އަލީ އަބުދުﷲގެ މަރުގެ މައްސަލައިގައި މުހައްމަދު ޝިފާސްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ކުރިމިނަލް ކޯޓުން ރޭ ކުރި ހުކުމްގައި ވަނީ، ދޭއް މާޗް 2016 ވަނަ ދުވަހު ދަންވަރުގެ ވަގުތުގައި، ސ.ހިތަދޫ ސްކޫލް އިރު އުތުރު ފަރާތު ކަންމައްޗާ ދިމާލަށް ސ. ހިތަދޫ ބުރުނީގެ އަލީ އަބުދުﷲ ގެންގޮސްދިނުމަށް ޝިފާޒު ކައިރީގައި އެރަށު ހެޕީ ފިއުޗާ އަހުމަދު އިބްރާހިމް ދީދީ ބުނުމުން އޭނާ އަލީ އަބުދުﷲ އެ ސަރަހައްދަށް ގެންދިޔަ ކަމަށެވެ.
އޭގެ ފަހުން އަހުމަދު އިބްރާހިމް ދީދީ ވާފަށަކުން، އަލީ އަބުދުﷲގެ ކަރުގައި އޮޅައިލުމަށްފަހު އެ ވާފަށް އަލީ އަބުދުﷲގެ ކަރަށް ބާރު ކޮށްގެން އަލީ އަބުދުﷲ މަރާލާފައިވާކަމަށެވެ.
މި ދައުވާއަށް މުހައްމަދު ޝިފާޒް އިންކާރު ކޮށްފައިވާތީ، އޭނާގެ މައްޗަށް މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާތަކުން ގާނޫނުއަސާސީގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އެ ދައުވާ ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން މުހައްމަދު ޝިފާޒް ހަ އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން ކުރިއަށްދިޔަ ތަހުގީގު މަރުހަލާއިން ފެށިގެން ޝަރީއަތް ނިމެންދެން މުހައްމަދު ޝިފާޒް ބަންދުގައި ހޭދަކޮށްފައިވާތީ، ޝިފާޒް ބަންދުގައި ހުރި މުއްދަތު ހުކުމުން އުނިކުރުމުން، އިތުރަށް ތަންފީޒު ކުރަންޖެހޭ މުއްދަތެއް ނެތްކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ކަނޑައެޅި އަދަބު ތަންފީޒުކޮށް ނިމިފައިވާކަން އަންގާ ކަމަށްވެސް ހުކުމްގައިވެއެވެ.
މި މައްސަލައިގައި އަލީ އަބުދުﷲ މަރައިލި އިބްރާހިމް ދިދީ އަކީ އޭނާއަށް ބޮޑު ބޭބެ ކިޔާ މީހެކެވެ.
އަބްދުﷲ އަލީ މަރާލި ކަން އަހުމަދު އިބްރާހީމް ދީދީގެ މައްޗަށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް 2020 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު