އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ހަމަޖައްސާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން ބާއްވާ އެއްވުމުގައި ގޭންގުތައް ބައިވެރިވާ ނަމަ އެއީ ހަމަނުޖެހުން ހިންގަން އެމްޑީޕީން ކުރުވާ ކަމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތުކުރައްވައިފިއެވެ.
އިދިކޮޅުން "ނޭވާ ހޮޅިއަށް"ގެ ނަމުގައި ބާއްވަން ހަމަޖައްސާފައިވާ އެ އެއްވުމުގައި މާލޭގެ ގޭންގުތަކުން ބައިވެރިކޮށްގެން ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ އެ ހަރަކާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އެ އެއްވުމުގައި ބައިވެރިވާނަމަ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީން ކުރުވާ ކަމެއް ކަމަށެވެ.
"އާންމު މަސްލަހަތު ގެއްލޭ ފަދަ ކަމެއް ކުރަން ބަޔަކު ރާވާ ނަމަ، އެ މައުލޫމާތު ފުލުހުންނަށް ލިބިއްޖެ ނަމަ، އެ ބޭފުޅުންގެ ޒިންމާއެއް އެއީ އެ ބަޔަކު ހައްޔަރުކޮށްގެން ތަހުގީގުކުރަން ޖެހެންޏާ ހައްޔަރުކޮށްގެން ތަހުގީގުކުރުމަކީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތަށް އަތޮޅުތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު އަންނާނެ ކަމަށާއި އެ ހަރަކާތް ކުރިއަށްދާނެ ކަމަށެވެ.
ހުކުރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުން ވަނީ ބަލައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު