ޚަބަރު

އައްމަޓީ ބަންދުން ދޫކޮށްލަން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

މުހައްމަދު އިޝާން

ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމުމުން އެ ނިންމުން ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، މިދިޔަ ހޯމަ ދުވަހު އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފަށް ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން ވަނީ އައްމަޓީ ބަންދުން ދޫކޮށްލައިފައެވެ. މިއީ އޭނާ ދޫކޮށްލި ތިންވަނަ ފަހަރެވެ.

އޭނާ ދޫކޮށްލާ ކޮންމެ ފަހަރަކު ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، އޭނާ ބަންދުކުރަން އަމުރު ކުރެއެވެ. އެގޮތުން އެންމެ ފަހުން އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ގައެވެ. އެއީ އެފަހަރު ކަފާލާތުގެ ދަށުން ކުރިމިނަލް ކޯޓުން ދޫކޮށްލުމުންނެވެ. އެފަހަރު އައްމަޓީ ދޫކޮށްލީ، އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށެވެ.

އެފަހަރު އޭނާ ބަންދުކުރަން ހައިކޯޓުން ކުރި އަމުރުގައި ވަނީ، އައްމަޓީ ރާއްޖެއިން ބޭރުގައި ހުއްޓައި ފުލުހަށް ހާޒިރުވުމަށް އެންގުމުން ހާޒިރު ނުވެވޭނެކަން އެންގިކަން ސާފުކޮށް އެނގެން އޮތް ކަމަށާއި މި ހާލަތުގައި އައްމަޓީ ރާއްޖޭގައި މިހާރު އެހުރީ އޭނާއަށް އެހެން ގޮތެއް ނެތިގެން ނޫންކަމާއި އޭނާގެ އަމިއްލަ އިހުތިޔާރުން އައިސް ހުރިކަން ބަޔާންކޮށްދޭން އޭނާއަށް ޖެހޭނެ ކަމަށެވެ. އެހެންނޫން ނަމަ، އަނެއްކާވެސް ފުރުސަތެއް ލިބިއްޖެނަމަ، ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އެބައޮތް ކަމަށެވެ. އަދި އައްމަޓީއަކީ އިންޓަޕޯލް މެދުވެރިކޮށްވެސް ހާޒިރު ނުކުރެވުނު މީހެއް ކަމަށްވާތީ، މި ހާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިހުތިޔާރުގެ ބޭނުން ދަށު ކޯޓުގެ ފަނޑިޔާރު ހިފާފައިވަނީ އޭނާ ފިލައި ގޮސްދާނެކަން ކަށަވަރު ކުރެވޭ ގޮތަށްތޯ ބަލަންޖެހޭ ކަމަށްވެސް ހައި ކޯޓުގެ އަމުރުގައިވެއެވެ.

އަމުރުގައި ވަނީ ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް އަމުރުކުރުމާއެކު އޭނާގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް ކޮށްފައިވާ އަމުރެއް ފެންނަން ނެތް ކަމަށެވެ. އެފަހަރު އޭނާ ބަންދުކުރުމުން، މިދިޔަ ފެބްރުއަރީ މަހުގެ 22 ގައި ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޝަރުތުތަކެއްް ކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް އެދި އައްމަޓީ ވަނީ ހުށަހަޅައިފައެވެ.

އައްމަޓީގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ރިއާޔަތް ކުރުމަށްފަހު މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލުމަށެވެ.

ދައުލަތުން އައްމަޓީގެ މައްޗަށްކުރާ ހިޔާނާތުގެ 42 ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.