ހއ. އިހަވަންދޫގެ އައިސްޕުލާންޓް ތެރޭގައި ޖޫން 16، 2018 ގައި، ޅ. ހިންނަވަރު/ އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރައިލިކަމުގެ ކުށް ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސުމޮން މިއާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
އިއްސެގެ މަރުގެ މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ދައުލަތުން ދައުވާކުރީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ.
މި މައްސަލައާ ގުޅިގެން ދެ ފަރާތުގެ ހުލާސާ ބަޔާން އިއްވުމަށްފަހު، ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސުމޮން މިއާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި މައްސަލައިގައި މީގެ ކުރިން ސުމޮން މިއާ ވަނީ އިއްސެ މަރާލި ކަމަށް އެއްބަސްވެ، ކަން ހިނގައިދިޔަ ގޮތް ތަފުސީލުކޮށް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފައެވެ. ނަމަވެސް އޭގެފަހުން އެކަަމަށް އިންކާރުކޮށް، އެކަމަށް އެއްބަސްވީ އޭނާ ހައްޔަރުކޮށް ބިރުދައްކައި އަނިޔާ ކުރުމުން ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުން އޮތީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އިއްސެގެ ހަށިގަނޑު ފެނުނީ އައިސް ޕްލާންޓުގައި ހުރި ޓޭންކެއްގެ ކައިރިންކަމަށް ފުލުހުން ބުނެފައިވާ އިރު، ދައުވާއަށް އިއުތިރާފުވެ، ސުމޮންމިއާ މީގެކުރިން ތަހުގީގަށް އެވާހަކަ ކިޔައިދިން ވާހަކަތަކަށް އޭގެން ބާރު ލިބިދޭ ކަމަށެވެ.
އިއްސެގެ ބުރަކައްޓާއި ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި، އޭނާގެ ހަށިގަނޑު ދަމާފައި އައިސް ޕްލާންޓަށް ލުމަށް ބޭނުންކުރި ވާގަނޑު ކަރުގައި އައްސާފައި އޮތް ކަމަށާއި، އޭނާއަށް ހަމަލާދިން ވަޅި އައިސް ޕްލާންޓް ތެރޭގައި ހުރި އައިސް ބޮކްސްއެއްގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ހެކިދީފައިވާތީއާއި އެ ހާދިސާގެ ސީންއިން ނެގި ސާމްޕަލްތަކާއި ސުމޮން މިއާގެ ފިންގާ ޕްރިންޓާ ދިމާވާކަމަށް ފުލުހުން ބުނެފައިވާތީ، ވަކީލާ ވިދާޅުވީ އެއީ ސުމޮން މިއާ ކޮށްފައިވާ ކަމެއްކަމަށް ހެކިތަކާއި، ހާދިސާތަކުން ސާބިތުވާ ކަމަށެވެ.
އެއަށްފަހު އިތުރު ހެކިތަކުން ފާހަގަވި ނުކުތާތައް ވަކީލާ ޝަރީއަތަށް ހިއްސާ ކުރެއްވިއެވެ. އެ ދައުވާއަށް ދެފަހަރެއްގެ މަތިން ސުމޮން މިއާ އިއުތިރާފުވެފައިވާކަން ފާހަގަކުރައްވައި، މި މައްސަލަ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑަައަޅުއްވައިދެއްވުމަށް ދައުލަތުން އެދުނެވެ.
ސުމޮން މިއާގެ ދިފާއީ ވަކީލު ހުލާސާ ބަޔާން ހުށަހަޅުއްވަމުން ވިދާޅުވީ އެ މައްސަލައިގައި ހާޒިރުކުރި ފުލުހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި، މައްސަލައިގެ ތަހުގީގަށް ސުމޮން މިއާ ގެންގޮސް ބޭންދި ތަނާ ގުޅޭގޮތުން ދެފަރާތުން ދެއްކި ވާހަކަ ފުށުއަރާކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަމަށް ބަލައި، އެ ދައުވާ ސުމޮން މިއާގެ މައްޗަށް ސާބިތު ނުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު