މާދަމާ ރޭ ބަންގުލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ޓީމުގެ ފަރާތުން ތަފާތު ސްޓައިލެއް ފެންނާނެ ކަމަށާއި، އެއީ ކުރިމަގަށް ގެންނަމުންދާ ބަދަލުތަކުގެ ފެށުން ކަމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު ގައުމީ ކޯޗުކަމާ އިޓަލީގެ މޮރިއޭރޯ ހަވާލުވެފައިވާ އިރު، މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން މިހާތަނަށް ކުޅުނު ތިން މެޗަކީ މިދިޔަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގެ މެޗުތަކެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ 4-4 އިން ލަންކާއާ އެއްވަރުވެފައެވެ. ދެވަނަ މެޗުން ބަންގުލަދޭޝް އަތުން 2-1 އިން ބަލިވި އިރު، ތިންވަނަ މެޗުން ސީޝެލްސްއާ ވަނީ 0-0 އިން އެއްވަރުވެފައެވެ.

އެ މުބާރާތުގެ މާޔޫސްކަމުގައި ޓީމު އޮތް އިރު، ކޯޗު މޮރިއޭރޯ ބުނީ ޓީމުން ފެންނާނީ އެ މެޗުތަކުގެ ސްޓައިލްގެ ކުޅުމެއް ނޫން ކަމަށާއި، ޓީމުން ތަފާތުތަކެއް ފެންނާނެ ކަމަށެވެ.

"މާދަމާގެ މެޗުގައި ކުޅޭނީ ލަންކާ މުބާރާތުގައި ކުޅުނު ގޮތަކަށް، އެ ސްޓައިލްގައެއް ނޫން. މުޅިން ތަފާތު ގޮތަކަށް. އެއީ އަހެރެމެންގެ ޓީމުން ބަންގުލަދޭޝްއަށް ވެސް އަދި ނުފެންނާނެ ކުޅުމަކަށް ވާނެ. މާދަމާ ގައުމީ ޓީމުން އާ ކުޅުންތެރިން ބޭނުންކުރާތަންވެސް ފެންނާނެ. އެއީ ޒުވާން ކުޅުންތެރިންނަށްވެސް ފުރުސަތު ދޭން. ބަދަލަކަށް ތައްޔާރުވާން ޖެހޭތީ. އިހުތިރާމް ކުރުމާއެކު ބިރެއް ނެތި ކުޅޭނީ،" މިއަދު ގައުމީ ދަނޑުގެ ވީއަޕީ ރޫމްގައި ބޭއްވި ޕްރެސްގައި މޮރިއޭރޯ ބުންޏެވެ.

ކޯޗު މޮރިއޭރޯ ބުނީ ލަންކާގައި ލިބުނު ނަތީޖާއަކީ އެންމެ އެދެވޭ ނަތީޖާތަކެއް ނޫން ކަމަށާއި، އެއީ ލިބުނު ބޮޑު މާޔޫސްކަމެއް ކަމަށެވެ.

"ލަންކާގެ ނަތީޖާތައް އެއީ މާޔޫސީ ނަތީޖާތަކެއް. އެހެން ނަމަވެސް ޓީމާ މެދު އިތުބާރާއި އުންމީދު އެބައޮތް. ޓީމު އޭރަށްވުރެ ރަނގަޅުވާނެކަން ޔަގީން. ލީގުގެ ހުރިހާ މެޗެއްވެސް ބަލައިގެން ސްކޮޑު ނެގީ. އެއީ ހުރިހާ ކުޅުންތެރިންވެސް ބަލަން ބޭނުންވާތީ. ރާއްޖޭގެ ފުޓުބޯޅައަށް ވަރަށް ބޮޑަށް ޝައުގުވެރިވި. އެއީ ޒުވާން، ހުނަރުވެރި، އުންމީދީ ކުޅުންތެރިންތަކެއް ލީގުން ފެންނާތީ. އަހަރެންގެ އުންމީދަކީ އަހަންނާއެކު އެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ދޭވެނެ ފުރުސަތެއް ހޯދުން،" ކޯޗު ބުންޏެވެ.

ގައުމީ ކޯޗު މޮރިއޭރޯ އިތުރަށް ބުނީ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން އެބަތިބި ކަމަށާއި، އެ ކުޅުންތެރިން ޓީމަށް މިހާރު މުހިއްމު ނަމަވެސް ވަގުތާއެކު އެ ކުޅުންތެރިންގެ ބަދަލުގައި އެހެން ކުޅުންތެރިން ޓީމަށް ގެންނަން ވިސްނުން ގެންގުޅޭ ކަމަށެވެ. އެހެންކަމުން ގިނަ ޒުވާން ކުޅުންތެރިން ސްކޮޑުގައި ހިމެނިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ކުޅުންތެރިން މާދަމާ ރޭގެ މެޗުގައި ފެންނާނެ ކަމަށްވެސް މޮރިއޭރޯ ބުންޏެވެ.

މިއަދުގެ ޕްރެސްގައި ވާހަކަދައްކަމުން ކޯޗު މޮރިއޭރޯ ބުނީ ރާއްޖޭ ޓީމުގެ އަސްލު ޓާގެޓަކީ ޖޫން މަހުގައި އޮންނަ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ކަމަށާއި، އެ ކޮލިފިިކޭޝަންގައި ތަފާތު ދައްކައި އޭޝިއަން ކަޕަށް ދިޔުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ.

"ކޮލިފިކޭޝަނަށް މާ ބޮޑު ވަގުތެއް ނެތް. މިއީ ކުޅުންތެރިން ޗެކު ކޮށްލަން ރަނގަޅު ފުރުސަތެއް. ފިޒިކަލީ އަދި މެންޓަލީވެސް. އުންމީދުކުރަނީ މެޗު ބަލާ މީހުންނަށް ރަނގަޅު މެޗެއް ގެނެސްދިނުން. މެޗުގެ ސްކޯ މުހިއްމުވާނެ ކަންވެސް އެނގޭ. ޓީމުން މިދިޔަ ދެތިން ދުވަހު ކުރި މަސައްކަތް ދަނޑުމަތީގައި ފެންނާނެ ކަމަށް އުންމީދުކުރަން،" މޮރިއޭރޯ ބުންޏެވެ.

ލަންކާ މުބާރާތުގެ ނަތީޖާތަކުން ސަޕޯޓަރުން މާޔޫސްވެފައި ތިބި ވާހަކަ ދެއްކުމުން ކޯޗު މޮރިއޭރޯ ވަނީ އެކަމަށްވެސް ޖަވާބު ދީފައެވެ.

"އަހަންނަކީ ކުރީގެ ކުޅުންތެރިއެއް. އަހަންނަށް އެނގޭ ގައުމީ ޓީމަށް ދިވެހި ސަޕޯޓަރުން ދޭ ލޯތްބާއި އިހުތިރާމް. އެކަން ދަމަހައްޓަން ޖެހޭ. އެ ލޯބި ލިބޭނެ ގޮތަކަށް ޓީމު ކުޅެން ޖެހޭ. ދަނޑުމަތީގައި ބަލިވާ ފަހަރުވެސް އަންނާނެ. އެކަމަކު ސަޕޯޓަރުން ލޯބި ދޭނެ. ބައެއް މުހިއްމު ބޮޑެތި ޓީމުތަކަށް ވޯލްޑް ކަޕް ގެއްލޭ ފަހަރުވެސް އާދޭ. އެކަމަކު ސަޕޯޓަރުން އުންމީދާއެކު ލޯބި ދޭނެ. އެއީ ފުޓުބޯޅައިގައި އޮންނަ ގޮތަކީ. ލަންކާ މުބާރާތުގެ ނަތީޖާ ގޯސް ނަމަވެސް ސަޕޯޓަރުން ޓީމަށް ލޯބި ދޭނެކަން އެނގޭ،" ސަޕޯޓަރުންނަށް މޮރިއޭރޯ ބުންޏެވެ.

ސަޕޯޓަރުންގެ ވާހަކައާއެކު މޮރިއޭރޯ ވަނީ ދިރިއުޅުމުގެ މިސާލަކުންވެސް މިސާލު ނަގައިފައެވެ. ކޯޗު ބުނީ ދަރިއަކު ގޯސްކަމެއް ކުރުމުންވެސް އެ ދަރިއަކާ ގުޅުން ކަނޑާނުލައި، ދަރިއަކު ރަނގަޅުކުރަން ކުރާ މަސައްކަތަކީ ސަޕޯޓަރުންވެސް ޓީމާ ދޭތެރޭ ކަންކުރަން ޖެހޭ ގޮތް ކަމަށް ފާހަގަކޮށްފައެވެ.

ބަންގުލަދޭޝްގެ ކުޅުމާ ގުޅިގެން ކޯޗު މޮރިއޭރޯ ބުނީ ބަންގުލަދޭޝް ކޯޗަކީ އޭނާ ދަންނަ ޔޫރަޕް ކޯޗެއް ކަމަށާއި، ބިރު ނުގަނެ ނުކުންނާނީ އިހުތިރާމާ އެކުގައި ކަމަށެވެ. ކޯޗު އިތުރަށް ބުނީ ރާއްޖެއިން ކުޅޭނީ ބަންގުލަދޭޝްގެ ކުޅުންތެރިންގެ ފެންވަރު ދަނެގެން ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ އާ ސްޓައިލެއް މާދަމާ ރޭގެ މެޗުގައި ފެންނާނެ ކަމަށް ކޯޗު މޮރިއޭރޯ ބުންޏެވެ.

ރާއްޖެ އާއި ބަންގުލަދޭޝް އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު މާލޭގައެވެ. އެ މެޗުން ރާއްޖެ މޮޅުވީ 5-0 އިންނެވެ. މާދަމާރޭގެ މެޗު ފަށާނީ 21:00 ގައެވެ.