އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު، އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ރިޕޯޓުގައި ވަނީ ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ބަންކަރިން ހިދުމަތް، ލޮޖިސްޓިކްޕާކް، އިންޓަނޭޝަނަލް ޑޮކްޔާޑް، މެރިޓައިމާ ގުޅޭ އެހެނިހެން ހިދުމަތްތައް، ފަތުރުވެރިކަން، ރިއަލް އެސްޓޭޓް ފަދަ ސިނާއަތްތައް ރާއްޖޭގެ އުތުރުގައި ތަރައްގީ ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް އިލްތިމާސްކުރަން ހިމަނައިއެވެ.

މީގެ އިތުރުން އާގުބޯޓުފަހަރަށް ބޭނުންވާ ސަޕްލައި އަދި، ސެކިއުރިޓީ ފޯރުކޮށްދިނުމާއި، ފަޅުވެރިން ބަދަލުކުރުންފަދަ ހިދުމަތްތައް ރާއްޖޭގެ އުތުރުގައި ތަރައްގީ ކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަަށް އިލްތިމާސްކުރުމަށާއި، އާގުބޯޓުފަހަރަށް ދެވޭ ހިދުމަތްތަކަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ދެވޭ ހިދުމަތްތަކެއްކަން ކަށަވަރު ކުރުމަށާއި، މޮނިޓަރިން، ކޮންޓްރޯލް އަދި ސާވެއިލަންސްގެ ނިޒާމު އެކުލަވައިލުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް އިލްތިމާސްކުރުމަށްވެސް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ސަލީމް ވިދާޅުވީ، "ރާއްޖެއަކީ ދުނިޔޭގެ ހުޅަނގާއި އިރުން މުދާ ހިފައިގެން ދަތުރު ކުރާ އާގުބޯޓު ފަހަރު ނުވަތަ އިނަސަންޓް މެސެޖުގެ މަގުތަކެއް އޮތް ގައުމަކަށްވެފައި ހާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް އަށް ޑިގްރީ ޗެނަލަކީ ކާގޯބޯޓް ފަހަރު ރާއްޖެ ހުރަސްކޮށް ދަތުރު ކުރާ މަޝްހޫރު މަގަކަށް ވެފައި، މިކަމުން ރާއްޖެއަށް ހޯދެން އޮތް ނަފާ ހޯދައި ލިބިގަތުމަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ވެސް އަމާޒު ހިފިދާނެ އާ ސިނާއަތެއް،" ކަމަށެވެ.