އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްވެ ހުންނަވައިގެން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ވަގުތުން އެ ހަރަކާތް ހުއްޓުވުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، އެއްވެ އުޅުމާއި ހިޔާލު ފާޅުކުުރުމުގެ މިނިވަންކަމުގެ ނަމުގައި އަވަށްޓެރި ގައުމަކާ މެދު އިންތިހާއަށް ބޮޑެތި ނަފުރަތު އުފެދޭ ގޮތަށް އިންޑިއާ އައުޓްގެ ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ދިވެހި ގައުމާ އެކު ޒަމާނުއްސުރެ ގުޅުން އޮތް އަވަށްޓެރި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެދާނެ ކަމަށެވެ.
އަދި ދެ ގައުމުގެ ރައްޔިތުންނާ ހަމައަށް އެ ސިޔާސީ ފިތުނަ ފުޅާވެ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދޭ ހިސާބަށް ދިއުމުގެ ކުރިން އެކަން ހުއްޓުވުމަކީ ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެެވެ.
އެހެންކަމުން އެކަމާ ގުޅޭ ގޮތުން ސަލާމަތީ ބާރުތަކުން އަވަސް މަޝްވަރާއެއްކޮށް، ރައީސް ޔާމީން އިސްވެ ހުންނަވައިގެން އަތޮޅުތަކުން މީހުންގެނަސް އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ރާވަމުން ގެންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަކީ މިވަގުތައް ވަަރަށް މުހިންމު ކަމެއް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ހަދާ ބަނދަރާ ގުޅޭ ގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކާ ގުޅިގެން ޖާބިރު ވިދާޅުވީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ބަނދަރަކީ އެމްއެންޑީއެފްގެ ބޭނުމަށް ދިވެހި ގައުމާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ ބައިލެޓްރަލް އެއްބަސްވުމެއްގެ ދަށުން އިންޑިއާއިން ދޭ އެހީއެއްގެ ގޮތުން ތަރައްގީކުރާ ތަނެއް ކަމަށެވެ.
އަދި އެ އެގްރީމެންޓް އިންޑިއާއާ އެކު ހެދި ކުރީ ސަރުކާރުގެ ބޭފުޅުން މިއަދު އިދިކޮޅުގައި ތިއްބަވައިގެން ރައްޔިތުންގެ ހަމްދަރުދީ ހޯދައި 2023ގެ އިންތިހާބަށް ތައްޔާރުވުމުގެ ބޭނުމުގައި ސިޔާސީ ފިތުނައެއްގެ ގޮތުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އިންތިހާ ގެއްލުން ރާއްޖެއަށް ކުރިމަތިވެދާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެެވެ.
އަދި ހަތިޔާރާ އެކު އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ތަކުރާރުކޮށް ސަރުކާރުން ހާމަކުރަމުންދާ އިރު، އިންޑިއާ އައުޓްގެ ނަމުގައި ޕީޕީއެމުން ރާވައި ހިނގަމުންގެންދާ ހަރަކާތަކީ ކެހިވެރި ރޭވުމެއްގެ ދަށުން ގެންދާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ބޭސްވެރިކަމަށާއި ތައުލީމު އުނގެނުމަށް ދިވެހި ރައްޔިތުން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އިރު، އެމީހުންނަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި އިންޑިއާ އައުޓް ހިންގާތީ، އެއީ ގައުމީ ސަމާތަށް އޮތް ނުރައްކަލަކަށްވާތީ ފުލުހުންނާއި ސިފައިން ނުކުމެ ވަގުތުން ވަގުތައް އެ ހަރަކާތް ހުއްޓުވަންޖެހޭ ކަމަށެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރަން ފާސް ކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން 30 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު