އެމްޑަބްލިޔުއެސްސީން ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަންކުރަން ފަށައިފިއެވެ.
އެ ހަތަރު ރަށަކީ ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. މާޅެންދޫ އަދި ނ. ކުޑަފަރިއެވެ. އެރަށްތަކުގެ ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޕްލޭނިން މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެރަށްތަކަށް ވަޑައިގެންނެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އެ ހަތަރު ރަށުގެ ތެރެއިން ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަންކުރުމުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށާއި ކިނޮޅަހުގެ ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި މާޅެންދޫގެ ކޮމިޝަންކުރުމުގެ މަސައްކަތް މާދަމާ ފަށައި އިރު، ގޮއިދޫގެ ކޮމިޝަނިންގެ މަސައްކަތްތައް ފެށުމަށްވެސް ތައްޔާރުވެފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުންވެސް އެ ރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓަރުން ޓްރެއިންކޮށް ނިމިފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މި ހަތަރު ރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި އާރްއޯ ޕްލާންޓްއާއި އަދި ފެން ރައްކާ ކުރުމަށްޓަކައި ތާންގީ ބަހައްޓައި ވަނީ ނިމިފައެވެ. އަދި ގޭބީސީ ތަކުގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަންވެސް ގުޅައިދީފައެވެ.
މި ހަތަރު ރަށުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، ނަރުދަމާ މައި ނެޓްވޯކްއާއި ޕަންޕިން ލައިން އަޅައި،
ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަންޕިން ސްޓޭޝަން ގާއިމުކޮށް ސީ އައުޓްފޯލް އަޅައި ނިމިފައިވާ އިރު، ގޭބީސީ ތަކުގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިފައެވެ.
އޭގެ އިތުރުންވެސް އެ ރަށްތަކަށް ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދީފައެވެ.