އދ. އަތޮޅުން މުޅިން އާ ފުޓްސަލް ތަރިއެއް އުފަން ވެއްޖެއެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އދ. އަތޮޅުގެ ޗެމްްޕިއަންކަން މާމިގިލިން ހޯދި އިރު، އެއީ އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށްވެސް ހޮވުނު މާމިގިލީގެ ހައިޝަން އަރީފެވެ. އެ ފޯމުގައި ގޮސް މާމިގިލިން ޒޯން ޗެމްޕިއަންކަންވެސް ނެގިއެވެ. ވިދާލީ ހަމަ ހައިޝަމްއެވެ. ހައިޝަމްއަކީ ޒޯން ހަތަރެއްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަލަށް ކުޅުނު ބޮޑު މުބާރާތުގައި ދެއްކި ތަފާތުން ރަށު ޓީމަށް ވަނީ އުންމީދު އާވެފައެވެ. ހައިޝަމްގެ އެންމެ މޮޅު ހުނަރަކީ ގޯލު ޖެހުމެވެ.

"ޒޯން ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް، ވަރަށް ބޮޑު ކުރިއެރުމެއް އަސްލު. މިއީ ޓީމުގެ ބުރަ މަސައްކަތާއެކު ކޮންފިޑެންސްގައި ކުޅުމުން ލިބުނު ނަތީޖާތަކެއް. ޓީމު އެކުގައި މާ ގިނައިން ޕްރެކްޓިސްތަކެއް ނުކުރި ނަމަވެސް ޓީމު އޮތީ ވަރަށް އެކުވެފަ. އެއީ މައިސަން މެންނާއެކު ކުރިންވެސް ކުޅެ، ހަމަ ވަރަށް ފަސޭހަ މި ޓީމަށް ކުޅެލަން،" ހައިޝަމް "ވަން" އަށް ބުންޏެވެ.

ހައިޝަމް އަށް މިއީ އާ ތަޖުރިބާއެކެވެ. މީގެ ކުރިން އޭނާއަކީ ފުޓްސަލްގެ ބޮޑު މުބާރާތެއްގައި ކުޅުނު ކުޅުންތެރިއެއްވެސް ނޫނެވެ. ކްލަބު މޯލްޑިވްސް، ނޫނީ ގޯލްޑަން ފުޓްސަލްގެ މުބާރާތެއް ކުރިން ނުކުޅެ ހުރެފައި، މި ފަހަރު ގޯލްޑަންއަށް އައިސް ތަރިން ތިބި ރަށު ޓީމުން ތަފާތު ދެއްކުމަކީ ހައިޝަމްގެ ނަން ވިދާލި ސަބަބެވެ.

"މި ލެވެލްގައި ޕާފޯމް ކުރެވޭނެ ކަމަކަށް ކުރިން އުންމީދެއްވެސް ނުކުރަން. ފުރަތަމަ އުނދަގޫތައްވެސް ދިމާވި. އެއ މުބާރާތަށް ނުކުތީވެސް ފުޓްސަލް ނުކުޅެ ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު. އެހާ މަދުން ޕްރެކްޓިސްތައްވެސް ކޮށްފަ ހުރީމަ އުނދަގޫވީ. އެހެން ވިޔަސް ވަރަށް މެޗުވި. ދެން ކޮންފިޑެންސް ލިބުނު ހިސާބުން މޮޅަށް ކުޅެވެން ފެށުނު،" ހައިޝަމް ބުންޏެވެ.

ޅަ އުމުރުގައި ރަށުގެ މަގުތައްމަތީ ކުޅެން ފެށި ހައިޝަމް 22، ގެ ކެރިއަރުގައި މިއީ ފެށުމެއް ނަމަވެސް އެންމެ ފުރަތަމަވެސް އޭނާ ދައްކަނީ ތަފާތެވެ. ރަށު ފަންތީން ނުކުމެ މުޅި ރާއްޖެއަށް ނުކުންނަން އޭނާއަށް މިއަދު ވަނީ ފުރުސަތު ފަހިވެފައެވެ. މީގެ ކުރިން ހައިޝަމް އަށް ލިބުނު އެންމެ ބޮޑެތި ކާމިޔާބީތަކަކީ ރަށު ލެވެލްގެ ފުޓްސަލް މުބާރާތްތަކުގެ ކާމިޔާބީ ނަމަވެސް މިއަދު އުންމީދަކީ ގޯލްޑަންގެ އުންމީދެކެވެ. ގަދަ 16 ގައި މާމިގިލި ނުކުންނާނީ ހުޅުމާލެއާ ދެކޮޅަށެވެ. އެއީ އަސްލު ޗެލެންޖުގެ ފެށުމެވެ.

"ޓީމް ވޯކު އޮތީ ވަރަށް ރަނގަޅަށް. ޓީމު އޮތީ ވަރަށް އެކުވެފަ. ނަން މަޝްހޫރު ކުޅުންތެރިންނާވެސް އެކުތާ މިއަހަރު މި އޮތީވެސް. ހުޅުމާލެ ބަލިކުރަންވެސް ކުރަންވީ ކުރީ މެޗުތަކުގަވެސް ކުރި މަސައްކަތް. އެއީ ކާމިޔާބު ހޯދޭނެ ގޮތަކީ. ޓީމުގެ ވިސްނުން ހުރީ ތަށްޓައް. ހުޅުމާލެ ބަލިކުރެވޭނެ ކަމުގެ ބޮޑު އުންމީދެއްވެސް އެބައޮތް،" ކޮންފިޑެންސާއެކު ހުރި ހައިޝަމް ބުންޏެވެ.

ފުޓުބޯޅައިން ޅަ ދުވަސް ފެށި ހައިޝަމް ފުޓްސަލްގައި ފިޔަ ޖަހައިލައިފިއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. އަތޮޅާއި ޒޯންގެ "ކިންގް" ކަން ނަގައި، ހައިޝަމް އެހުރީ އެންމެ ބޮޑެތި ޕްލެޓްފޯމްތަކަށް ފައްކާވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.