އައިއީޑީތަކެއް ބޭނުންކޮށްގެން ތ. ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒު ގޮއްވާލަން އުޅުނު މައްސަލައިގައި ދައުލަތުން ސިއްރުކުރަން އެދުނު ހެކިތައް ސިއްރު ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގައި، އެ ރަށު ސްކޫލުގައި އައިއީޑީއެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތަށް އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭ ފަދަ ކްލާސްތައް ހިންގައި، ރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ދައުލަތުން އެމީހުންގެ މައްޗަށް ކުރި ދައުވާގައި ވަނީ ބުނެފައެވެ. އަދި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރޭވުމުގެ ކުށުގެ ދައުވާވެސް އެމީހުންނަށް ކުރެއެވެ.
އެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުން ހަރުކަށި ފިކުރަށް ތާއީދު ކުރާ ލިޔެކިއުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމާއި، ހަނގުރާމައިގެ އުކުޅުތަކާއި ބޮން ހަދައި ތައްޔާރު ކުރުމާއި ގޮއްވާނެ ގޮތުގެ މެނުއަލްތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް ފެނިފައިވާ ކަމަށް ދައުވާގައިވެއެވެ. އަދި ތައުލީމީ މަރުކަޒު ގޮއްވާލަން ރާވައި ވާހަކަ ދައްކާފައި ހުރިކަން ފޯނުގެ މެސެޖުތަކުން އެނގުނު ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.
- އަބްދުﷲ ޝަރީފް، އަސްރަފީވިލާ، ތ. ތިމަރަފުށި
- އަހްސަން މުހައްމަދު، އަސްރަފީވިލާ، ތ. ތިމަރަފުށި
- އަލީ މުނީޒް، ކެނެރީގެ، ތ. ތިމަރަފުށި
- މުހައްމަދު އާސިރު، އަސުރުމާގެ، ތ. ތިމަރަފުށި
- އަލީ އަރުހަމް މުހައްމަދު، ފެހިވިލާ، ރ. ކަނދޮޅުދޫ
- ޝަމާހް ޝަރީފް، ސައިމާ، ތ. ތިމަރަފުށި
- އިބްރާހިމް ލޫތު، ރޯޒްމީޑް، ނ. ކުޑަފަރީ
- އަބްދުﷲ އިމާދު، ބީޗް ހައުސް، ރ. މަޑުއްވަރީ
މިއަދު އޮތް އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުގެ ފަރާތުން ދައުވާކުރާ މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކާ މެދު ގޮތެއް ނިންމައިފައެވެ. ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި 14 އިންޓެލިޖެންސް ރިޕޯޓަކާއި އަށް އެނެލިޓިކަލް ރިޕޯޓު ހިމެނެއެވެ. މީގެ އިތުރުން ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ރާއްޖެއިން ބޭރުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓެއް ވެސް ހިމެނެއެވެ. ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ދައުލަތުން ވަނީ ގިނަ އިންޓެލިޖެންސް ރިޕޯޓުތަކެއް ސިއްރުކުރުމަށް އެދިފައެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އެ ހެކިތައް ސިއްރު ނުކުރުމަށެވެ. އެއީ ދައުވާ ލިބޭ މީހުންގެ ދިފާއުވާން ހުރަކަށް ވެދާނެތީއެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެގޮތަށް ހުކުމްކުރީ ދައުލަތުގެ ފަރާތުން އެދިގެންނެވެ. ދައުލަތުން އެގޮތަށް އެދުނީ މުނީޒުގެ ބޮޑީ ޗެކަޕެއް ހެދި އިރު، ފުރާނައަށް ނުރައްކާވާ މިންވަރަށް ޕޮޓޭސިއަމް މަދުވެފައިވާކަން ފާހަގަކުރެވުމުންނާއި އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށްދޭ ރިޕޯޓާ ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވި، ފަރުވާ ދީފައިވުމުންނެވެ. މުނީޒަށް ދާއިމީ ގޮތެއްގައި ފަރުވާދޭން ޖެހޭނެ ކަމަށް ވެސް ޑޮކްޓަރާ ހަވާލާދީ ދައުލަތުން ވިދާޅުވެފައިވެއެވެ.
އެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު ގާޒީ އަމުރުކުރީ މާލެއިން ބޭރަށް ނުދެވޭގޮތަށް މުނީޒު ބަންދުން ދޫކޮށްލުމަށެވެ.
މި މައްސަލައިގައި ދެން ހިމެނޭ ހުރިހާ މީހުންގެ ބަންދު ކޯޓުން ވަނީ ދަމަހައްޓައިފައެވެ. އެއީ އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ފުރުސަތު އޮތުމުންނާއި އެ މީހުން ނިސްބަތްވާ ޓެރަރިސްޓު ޖަމާއަތާ ގުޅިގެން އިތުރު ހަމަލާއެއް ދީފާނެތީއެވެ.
މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު