ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓުން ބޭއަދަބީ ޓުވީޓް ތަކެއް ކޮށްފައިވަނީ އޭނާ ނޫން ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުން ފެށިގެން އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓުން ބޭ އަދަބީ ބަސްތަކުން ޓުވީޓްތަކެއް ވަނީ ކޮށްފައެވެ. އެމްޑީޕީގެ އެކްޓިވިސްޓެއްގެ ޓުވީޓަށް ރައްދު ދެއްވަމުން ކުރައްވައިފައިވާ އެ ޓުވީޓް ވަނީ ފަހުން ޑިލީޓް ކުރައްވައިފައެވެ.

މިކަމާ ގުޅޭގޮތުން އަލީ ޒާހިރުގެ ޓުވިޓާގައި ފަހުން ވިދާޅުވީ މިއަދުގެ ވަގުތެއްގައި އޭނާގެ އެކައުންޓު ކޮމްޕްރޮމައިޒް ކޮށް އޭނާގެ ހުއްދައަކާ ނުލައި ޓުވީޓް ތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ އެކައުންޓުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށާއި އެ އެކައުންޓުން ބޭއަދަބީ ޓުވީޓް ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

https://twitter.com/alixahir/status/1506169030700244993?s=20&t=SmwGba_USchegoKN5OLJSA

އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓް ހެކް ކޮށް އެފަދަ ބަހުރުވައިން ޓުވީޓްކޮށް ހަދާފައިވަނީ ކުރިއަށް އޮތް އެމްޑީޕީގެ އިލެކްޝަނުގައި އޭނާގެ ބައިވެރިވުމެއް އޮތްކަން ދައްކައި ބަދުނާމު ކުރުމުގެ ގޮތުން ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.