ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ދޮގު ހައްދަވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ދޮގު ހައްދަވާކަމަށް ވިދާޅުވި ބަސް އަނބުރާ ނުގެންދަވާނެ ކަމަށް ވިދާޅުވުމުން، ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ނަން އިއްވައިފިއެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި މެންބަރު ސައީދާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދާ ދެމެދުގައި ބަހުސް ހޫނުވެގެންދިޔައެވެ.

އެއީ އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ހިދުމަތްދޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ވާހަކަ ސަރުކާރުން ދައްކާއިރު އޭގެ ފަހަތުގައިވަނީ، އުތުރުގައި ހަތިޔާރު ގުދަން ކުރުން ކުރުމަށް ސައީދު ވިދާޅުވުމުންނެވެ.

އެހިސާބުން މެންބަރު ސައީދު ދައްކަމުންދިޔަ ވާހަކަ މެދުކަނޑުވާލައްވައި، މަޖިލިސް ރައީސް ވިދާޅުވީ، އެއީ ރައީސް ޔާމީންގެ ސަރުކާރުން، ސޮއި ކުރައްވާފައިވާ އެގްރީމެންޓެއް ކަމަށާއި، ހަތިޔާރު ގުދަން ކުރުމާއި، ހަތިޔާރުން ޔޮޓްފަހަރަށް ހިމާޔަތް ދިނުމުގެ ކޮންޓްރެކްޓްގައި ސޮއިކުރައްވާފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވީ މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރުގެ ގޮތުގައި އިންނެވި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ ވާހަކައާ ގުޅިގެން ސައީދު ވިދާޅުވީ، މަޖިލިސް ރައީސް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އެހިސާބުން އަނެއްކާވެސް ސައީދަށް ރައްދު ދެއްވައި މަޖިލިސް ރައީސް ވިދާޅުވީ، "އިއްޒަތްތެރި މެންބަރަށް ތިހެން ވިދާޅެއް ނުވެވޭނެ، އެހެންވިއްޔާ ތި ކޮންޓްރެކްޓް އަޅުގަނޑު މިތަނަށް ގެންނަން ޖެހޭނެ،" ކަމަށެވެ.

އެހިސާބުން އެ މައްސަލައިގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ، ހަތިޔާރު ވިއްކައި ގުދަން ކޮށް ކަންކަން ކުރަން އެތަން ދީފައިވާ ނަމަ އެ އެގްރީމެންޓް ރައްޔތުންގެ މަޖިލީހުގައި އޮންނަން ޖެހޭނެ ކަމަށެވެ. އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވާއިރު، ކަންކަމުގެ ހަގީގަތް މުޅިން ކައްސާލައިގެން ދިއުމުން، ހަގީގަތުގެ މަގަށް ބަހުސް ގެނައުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެން ވިދާޅުވެ މެންބަރު ސައީދު ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވިއެވެ.

ސައީދުގެ ވާހަކަ ފައްޓަވަމުން ފުރަތަމަވެސް ވިދާޅުވީ މަޖިލިސް ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ރައީސް ހައްދަވަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ.

އެހިސާބުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ނިޒާމީ މައްސަލަ ނެންގެވިއެވެ. ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ހަތިޔާރު ގެންގުޅުމާއި، ގުދަން ކުރުމާއި ޔޮޓްފަހަރާއި އާގުބޯޓުފަހަރަށް އެ ހިދުމަތް ދިނުމަށް، ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ ކޮންޓްރެކްޓް އޭނާގެ ދެކިވަޑައިގެންނެވި ކަމަށެވެ. އަދި އެ އެގްރީމެންޓް ޑިފެންސް މިނިސްޓްރީގައި އެބައޮތް ކަމަށާއި ރައީސް ނަޝީދު އެ ވިދާޅުވީ ދޮގެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭގައި ސޮއިކުރެއްވި ބައެއް ބޭފުޅުން މިއަދު މަޖިލިސް މެންބަރުގެ ގޮތުގައި އެބަތިއްބެވި ކަމަށާއި، މިސަރުކާރުން އެ އެގްރީމެންޓަށް އަމަލު ނުކޮށްފިނަމަ އެތައް މިލިޔަން ޑޮލަރެއް ސަރުކާރުން ދައްކަން ޖެހޭނެ ކަމަަށްވެސް ވިދާޅުވިއެވެ.

ރައްދު ދެއްވަމުން ސައީދު ވިދާޅުވީ، އެފަދަ އެގްރީމެންޓެއް އޮތްނަމަ ރައްޔިތުންގެ މަޖިލީހަށް ގެނެސް އެކަން ހާމަކުރުމަށް ގޮވައިލައްވާ ކަމަށެވެ. އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެ އެގްރީމެންޓް އެބައޮތް ކަމަށާއި އޭތި މަޖިލީހަށް ގެނެސް ހާމަކޮށްދިނުމަކީ ފަސޭހަ ކަމެއް ކަމަށެވެ.

ހަމަ އެ މައްސަލައިގައި އިތުރު ނިޒާމީ މައްސަލައެެއް ނަންގަވައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވީ، މެންބަރު ސައީދު އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި އޮތް މޯލްޑިވްސް ސެކިއުރިޓީސާވިސް ކިޔާ ކުންފުންނަކާއެކު އުތުރުގައި ހަތިޔާރު ގުދަން ކޮށް، މެރިޓައިމް ސެކިއުރިޓީ ދިނުމަށް މޯލްޓާގެ ކުންފުންޏަކާއެކު އެއްބަސްވެފައިވާ ކަމަށާއި އެއީ ދޮގެއް ނޫން ކަމަށެވެ.

އަނެއްކާ ހަމަ ކުރިން ވިދާޅުވި ވާހަކަތައް ތަކުރާރު ކުރައްވައި، މަޖިލިސް ރައީސް ވިދާޅުވީ، އުލިގަމަށް އަންނަ ޔޮޓްފަހަރަށް ހިމާޔަތް ދިނުމަށް ކުންފުންޏަކާއެކު އެގްރީމެންޓް ކުރައްވާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށާއި، އެއަށް އަމަލު ކުރުމަށް އެ އެގްރީމެންޓްގައި ހިމެނޭ ކުންފުނިން، މި ސަރުކާރުގައި އެދިފައިވާތީ، އެ އެގްރީމެންޓްގެ ސައްހަކަން ފުރިހަމަތޯ ބެލުމަށް ސަރުކާރުން އެ އެގްރީމެންޓް އެކި ތަންތަނަށް ހުށަހަޅާއިފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެމަނިކުފާނު ދޮގު ހެއްދެވިކަމަށް ވިދާޅުވި ވިދާޅުވުމުން މެންބަރު ސައީދު އަނބުރާ ގެންދެވިކަމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެހިސާބުން މެންބަރު ސައީދު ވިދާޅުވީ، އެ ބަސް އަނބުރާ ނުގެންދަވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވާއިރުވެސް އަދި، ރައްޔިތުންނާ މުހާތަބު ކުރައްވާއިރު ވެސް މަޖިލިސް ރައީސަކީ ދޮގު ހައްދަވާ ބޭފުޅެއް ކަމަށެވެ.

"އެ ބަސް ނުގެންދާނަން، ތިޔަ އިއްޒަތްތެރި މެންބަރަކީ އަބަދުވެސް ކަނޑައެޅިގެން އިތުރުފުޅު ހައްދަވަމުން ގެންދަވާ ބޭފުޅެއް، ހަމައެކަނި މިތާކު ނޫން ރައްޔިތުންނާ ވާހަކަ ދައްކަވާއިރުވެސް،"

ވަގުތުން މަޖިލިސް ރައީސް ވިދާޅުވީ، ސައީދުގެ ނަން އިއްވަވާ ކަމަށެވެ. އަދި މަޖިލިސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް މެންބަރު ސައީދަށް މަޖިލިސް ރައީސް އެންގެވިއެވެ.