އުމުރުން 25 އަހަރުގެ މުހައްމަދު ޒުހަލްގެ ނަމަކީ ފުޓްސަލްއަށް މިހާރު އާ ނަމެއް ނޫނެވެ. ޒުހަލްގެ ނަމާއެކު ފުރަތަމަވެސް ވިސްނައިލެވޭނީ އިތުބާރާއި ޔަގީން ކަމަށެވެ. ގޯލްކީޕަރެއްގެ ފަރާތުން ޓީމަށް ލިބެން ޖެހޭ ހިތްވަރުގެ މައްޗަށެވެ. ފުޓްސަލްގައި މިވަގުތު ހުރި އެންމެ މޮޅު އެއް ގޯލްކީޕަރު ޒުހަލްގެ އަޑު މިއަދު ގަދަވެފައި އޮތީ އަހަރެއްހައި ދުވަހު، އެންމެ މަތީ ފަންތީގެ ފުޓްސަލްގައި އޭނާ ދެއްކި ތަފާތުންނެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލްންޖުގެ ގަދަ 16 އަށް ފުރަތަމަ ފަހަރަށް ހުޅުމާލެ ގެންގޮސްދިނުމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނީ ޒުހަލްގެ ހުނަރުވެރިކަމެވެ. އޭނާގެ ލީޑާޝިޕެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރާއި ޒޯން ބުރު ނިމިގެންގޮސްފައިވާ އިރު، މާލޭގެ ޓީމުތައް ކުޅުނީ ޒޯން ބުރުގައެވެ. ޒޯން ބުރުގައި ހުޅުމާލެއިން ތިން މެޗު ކުޅެފައިވާ އިރު، އޭގެ ތެރެއިން ދެމެޗުގައި ޒުހަލް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ. ހުޅުމާލެ ބަލިވީ އެ ޒޯންގެ ޗެމްޕިއަން މާފަންނު އަތުން އެކަންޏެވެ. އަނެއް ދެމެޗުގައި ޒުހަލް މޮޅަށް ކުޅުނުތަން ފެނުނު އިރު، އެންމެ ފަހު މެޗަށް ނުކުތް އިރު ހުޅުމާލެއަށް އޮތީ ގަދަ 16 ގެ ހަނި ފުރުސަތެކެވެ.

ގަދަ 16 ޔަގީން ކުރަން ހުޅުމާލެއަށް ކޮންމެހެންވެސް ތިން ގޯލުގެ ތަފާތަކުން ވިލިމާލެ ބަލިކުރަން ޖެހިފައި އޮތް އިރު، އެ ޓާސްކު ހުޅުމާލެއިން ފުރިހަމަކުރީ 4-0 އިން މެޗުން މޮޅުވެ ތަފާތު ރޫހެއް ދައްކައިގެންނެވެ. އުނދަގޫ ހާލަތެއްގައި މެޗަށް ނުކުތް ހުޅުމާލެއިން ހާލަތު ބަދަލުކޮށްލީ ގޯލްކީޕަރެއްގެ ޒިންމާ ޒުހަލް ފުރިހަމައަށް އަދާކޮށްދީގެންނެވެ. ނަތީޖާއެއްގެ ގޮތުން ޒޯނުގެ މޮޅު ކުޅުންތެރިޔަކީ ޒުހަލްއެވެ. އެ އުފާވެރިކަމުގެ ވާހަކަ އޭނާ "ވަން" އާ ހިއްސާކުރިއެވެ.

"އަސްލު ހުޅުމާލެއާއެކު ފުރަތަމަ ފަހަރަށް ގޯލްޑަންގެ ގަދަ 16 އަށް ދެވުމަކީ ވަރަށް ބޮޑަށް އުފާވި ކަމެއް. ޓީމުގެ ހިތްވަރު ފެނުނީ ހީކުރިވަރަށްވުރެވެސް މާ ބޮޑަށް ރަނގަޅަށް. މިއީ އެކްސްޕީރިއަންސް އެހާ ބޮޑު ޓީމެއް ނޫން. ހާއްސަކޮށް އެެންމެ އެކްސްޕީރިއަންސް ކުޅުންތެރިޔާ ޝައިހާންވެސް ނުލައި ފަހު މެޗު ކުޅުނީވެސް. އެހެންވީމަ ޓީމުން އެ ދެއްކި ތަފާތަކީ ވަރަށް ބޮޑު ތަފާތެއް. މިއީ ވަރަށް އުފާވެރި ކާމިޔާބީއެއް،" ޒުހަލް ބުންޏެވެ.

އަންގިއާއެކު ގޯލުގައި ހުރެ، އަރިއަރި މައްޗަށް މޮޅު ޑައިވްތަކެއް ކުރަމުން އަންނަ ޒުހަލްއަކީ ކެރިއަރު ފެށިއިރު ގޯލްކީޕަރެއް ނޫނެވެ. މާލެއަށް އުފަން ޒުހަލް 2004 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި އުޅެމުން އަންނައިރު، ކެރިއަރު ފެށީ ފޯވަޑް ލައިނުންނެވެ. އޭރުގެ ސްޓްރައިކިން ޕާޓްނަރަކީ މިހާރު ފުޓްސަލްގައި ނަން ވިދާ އަހުމަދު އަޔާޒް (އަޔާ) އެވެ.

"އުމުރުން ހައެއް، ހަތެއް ހިސާބު ކުޅެން ފަށައިފިން. ކުދި ކޮށްޓުން ކޮއްޓާ ފޯވަޑެއް އަސްލު އޭރު މިއީ. އަޔާއަކީ އޭރުގެ ޕާޓްނަރެއް. އެކުގައި ކުރިން ވަރަށް ކުޅުނިން. އެ އުޅެމުން ގޮސް 2004 ވަނަ އަހަރު ހުޅުމާލެެއަށް ބަދަލުވި ހިސާބުން ގޯލަށް އަރަން ފެށީ. ހުޅުމާލޭގައި ކުޅެންދާ އިރު ނުހުންނާނެ ގޯލްކީޕަރެއް. އެހެން ގޮސް ފެށުނީ ގޯލަށް ކުޅެން. އެހާ ފަސޭހައިން ގޯލަށް އަރަން ފެށީ ބުންވަރުވެސް ދަށްކޮށް ހުންނާތީއާއެކު. އޭގެ އިތުރުން ގޯލްކީޕަރަކީ ޝޯ ސްޓޮޕާއަކަށްވުމުން، އެ އިންޑިވިޖުއަލް ރެސްޕޮންސިބިލިޓީއަށް ވަރަށް ޝައުގުވެރިވޭ،" ޒުހަލް ބުންޏެވެ.

ފުޓުބޯޅައަށް 2007 ވަނަ އަހަރު ޒުހަލް މަސައްކަތް ކުރިއެވެ. ޓްރައިލްއަކަށް ޒުހަލް ކްލަބު އީގަލްސްއަށް މަސައްކަތް ކުރި ނަމަވެސް އެކަމުން އޭނާއަށް މަގެއް ފައްސެއް ނުވިއެވެ. އުންމީދު ކެނޑުމެއް ނެތި ދެން އެރީ ފުޓްސަލް ދަނޑަށެވެ. އެތައް ދުވަހެއްގެ ކުޅުމާއި، ފަރިތަކުރުންތަކާއެކު ކުރި އަރައިގެން ގޮސް ޒުހަލް އެންމެ ފުރަތަމަ ބޮޑެތި މުބާރާތްތައް ކުޅެން ފެށީ 2014 ހިސާބުގައެވެ. އޭރުވެސް ރާއްޖޭގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ޒުހަލް ފެންނާކަށް ނުފަށައެވެ.

"އެންމެ ފުރަތަމަ ކުޅުނު ބޮޑެތި މުބާރާތްތަކަކީ 2014 އަދި 2016 ވަނަ އަހަރު އައްޑޫގައި ކުޅުނު ގޯދިއްޔާ ފުޓްސަލް ކަޕް. އެ އަހަރުތަކުގައި ރަނގަޅަށް ޕާފޯމްކޮށް ބައެއް ކުދި މުބާރާތްތަކަށްވެސް ނުކުތީ. ނިމިދިޔަ ކްލަބު މޯލްޑިވްސް ކަޕަކީ ފުޓްސަލްގައި ހިތްވަރު ގެނެސްދިން މުބާރާތް. އެ މުބާރާތުގައި އެންމެ މޮޅު ގޯލްކީޕަރު ލިބި، ތަށިވެސް އުފުލާލަން ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް. އަލަށް ކްލަބު މޯލްޑިވްސްއަށް ނުކުމެ އެންމެ މޮޅު ގޯލްކީޕަރު ހޯދުމަކީ އުނދަގޫވި ޕްރެޝަރެއް. އެކަމަކު އެކަން ކާމިޔާބުވުމުން މިހާރު މި މުބާރާތުގައި (ގޯލްޑަން ފުޓްސަލްގައި) މިހިރީ ކޮންފިޑެންސާއެކެ،" ޒުހަލް ބުންޏެވެ.

ދިވެހި ފުޓްސަލް ދަނޑުގައި ޒުހަލްގެ "އައިޑަލް"އަކީ އިސްމާއިލް ފާތިހު (ތާޑޭ) އެވެ. ތާޑޭގެ ކުޅުމަކީ ޒުހަލްގެ އެންމެ ބޮޑު އިންސްޕިރޭޝަނެވެ. މިއަދާ ހަމައަށްވެސް ތާޑޭ ފަދަ ގޯލްކީޕަރުން ކައިރިން ކަންކަން ދަސްކުރަމުން، ޒުހަލް ކުރާ އެންމެ މުހިއްމު ކަމަކީ ގޯސް ރަނގަޅު ކުރުން ކަމަށް އޭނާ ބުންޏެވެ.

"ގޯސް ހެދޭ މިހާރުވެސް. ވަރަށް ބޮޑެތި ގޯސްތައް. އެކަމަކުވެސް އެންމެ މުހިއްމު ކަމަކަށް ކުރާ ކަމަކީ އެ ގޯސްތައް ރަނގަޅުކުރަން މަސައްކަތް ކުރުން. މެޗުތަކުގަ ހެދޭ ގޯސްތައް ވަކިން ބަލައި، އެކަންކަން ރަނގަޅުކުރަން ބުރަކޮށް މަސައްކަތް ކުރަން،" ގައުމީ ޓީމަށްވެސް ތައްޔާރަށް ހުރި ޒުހަލް ބުންޏެވެ.

ގައުމީ ޖާޒީ އަޅާނެ ފުރުސަތެއް ލިބިއްޖެ ނަމަ އެކަމަށް އާނއެކޭ ބުނާނެ ކަމަށް ޒުހަލް ބުނި އިރު، އޭނާގެ ކުރިމަގުގައި އޮތީ ފުޓްސަލް އެކަންޏެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16ގައި މާދަމާ ރޭ ޒުހަލްއާއެކު ހުޅުމާލެއިން ނުކުންނާނީ އދ. މާމިގިއްޔާ ދެކޮޅަށެވެ. އެ މެޗު އުނދަގޫވާނެ ނަމަވެސް "ހުޅުމާލޭ ޓީމުގެ ފާރު" ޒުހަލްއަށް ޓީމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ. "އެންމެފަހުން ވިލިމާލެ ބަލިކުރި މެޗުގައި ކުޅުނު ކިކްގައި ކުޅެގެން އިރާދަކުރެއްވިއްޔާ މެޗު ނެގޭނެ،" ޒުހަލް އިތުބާރާއެކު ބުންޏެވެ.