އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު މެންޗެސްޓާ ސިޓީގެ ވެރިޔާ ޝެއިޚް މަންސޫރު ބިން ޒައިދު އަލް ނަހްޔާން، ސީރިއާގެ ވެރިޔާ ބައްޝާރުލް އަސަދާ ބައްދަލުކުރުމުން އެކަމަށް އިނގިރޭސި ސަރުކާރުން ފާޑު ކިޔައިފިއެވެ.

ސީރިއާގެ ރައީސް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް މިފަހަރު ކުރި ދަތުރަކީ ސީރިއާ ހަނގުރާމަ ފެށި ފަހުން ޔޫއޭއީއަށް ކުރި ފުރަތަމަ ދަތުރެވެ. ސީރިއާގެ ދާހިލީ ހަނގުރާމަ މިހާރު 11 އަހަރަށް ދެމިގެން ގޮސްފައިވާ އިރު، އެ ގައުމުގެ ހަނގުރާމައިގައި ސަރުކާރުން ހިންގަމުންދަނީ ލާ އިންސާނީ ޖަރީމާތަކެއް ކަމަށް ހުޅަނގުގެ ގައުމުތަކުން ވަނީ ސިފަކޮށްފައެވެ.

ޔޫރަޕްގެ ގައުމުތަކުން އެފަދަ ގޮތަކަށް ސީރިއާއަށް ފާޑު ކިޔައި، އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައިވަނިކޮށް، ޝެއިޚް މަންސޫރު ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރި ކުރެއްވުން އިނގިރޭސި ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ކުށްވެރި ކުރައްވައިފައެވެ. ޔޫއޭއީގެ ޑެޕެއުޓީ ޕްރައިމް މިނިސްޓަރު މަންސޫރު ބައްޝާރުލް އަސަދާއެކު ހުރި ފޮޓޯތަކަށްވެސް ވަނީ ވަރަށް ފާޑު ކިޔާފައެވެ.

އިނގިރޭސި ސަރުކާރުގެ ފޮރިން އޮފިސަރަކު ވިދާޅުވެފައިވަނީ މަންސޫރު ބައްޝާރުލް އަސަދާ ބައްދަލުކުރެއްވުމުން "ސީރިއާގެ މަޝްރަހުގައި ހިނގާ ލާއިންސާނީ ޖަރީމާތަކުގެ ސީރިއަސް ކަމަށް ހިޔަނި އެޅޭ،" ކަމަށެވެ.

ޔޫއޭއީން ސީރިއާއާއެކު ގުޅުން ބަދަހި ކުރަން ވިސްނާފައި އޮތް އޮތުމާއެކު، ކޮމަންވެލްތު އެންޑް ޑެވަލޮޕްމަންޓް އޮފީހުންވެސް ވަނީ މަންސޫރުގެ ބައްދަލުވުމަށް ފާޑު ކިޔައިފައެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަންސޫރުގެ ބައްދަލުވުމުން ދޭހަވަނީ ޔޫއޭއީންނާއި މަންސޫރު އަމިއްލަފުޅަށްވެސް ސީރިއާގެ މަޝްރަހު ހައްލުކުރަން ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަން ކަމަށެވެ.

އިނގިރޭސި އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ޕާޓީ، ލޭބާ ޕާޓީގެ މެންބަރެއް ކަމަށްވާ އެމްޕީ ކްރިސް ބްރައިޓް ވިދާޅުވެފައިވަނީ "މަންސޫރަކީ އިނގިރޭސި އެންމެ ބޮޑު އެއް ކްލަބުގެ ވެރިޔާ ކަމުގައި ހުންނަން އެކަށޭނެ މީހާތޯ،" ސުވާލު އުފެދޭ ކަމަށެވެ. ކްރިސްއަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް ފިޔަވަޅު އެޅި ޕާލިމެންޓްރީ ގްރޫޕްގެ ޗެއާވެސް މެއެވެ.

އެމްޕީ ކްރިސްގެ އެ ވާހަކަތަކަށް ސިޓީން އަދި ރައްދު ދީފައެއް ނުވެއެވެ.

ޔޫކްރެއިންއާއި ރަޝިއާ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ބިލިއަނަރު، ޗެލްސީގެ ވެރިޔާ އަބްރަމޮވިޗްގެ އެސެޓްތައް ފްރީޒްކުރަން އިނގިރޭސި ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމުގެ ސަބަބުން ޗެލްސީ ވިއްކާލުމަށް އަބްރަމޮވިޗް އިއުލާންވެސް ކޮށްފައިވާ އިރު، އެ ވިއްކާލުމުގެ ކަންކަން ކުރިއަށްދާނެކަމުގެ ޔަގީންކަމެއްވެސް އަދި ލިބިފައެއް ނުވެއެވެ.

އަބްރަމޮވިޗަށް އެޅި ފިޔަވަޅާއެކު އެހެން ކްލަބުތަކުގެ ވެރިންގެ ވިޔަފާރި އެސެސްމަންޓްތަކަށް ގިނަ ބަޔަކު ގޮވާލަމުންދާ އިރު، ސިޓީގެ ވެރިޔާ ހޫނު ފެނަށް ވެއްޓުންވެސް އެކަށީގެންވެއެވެ.