ޚަބަރު

ހިޔާގެ ލިފްޓުތައް ކައިރީ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މުހައްމަދު އިޝާން

ހިޔާ ޓަވަރުތަކުގެ ލިފްޓުތައް ކައިރީ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ލިފްޓުތައް ކައިރީ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ތެރެއިން އެޗް13، އެޗް14، އެޗް15، އަދި އެޗް16 ޓަވަރުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހިޔާ ޓަވަރުތަކުގެ ލިފްޓުތައް ކައިރީ ތޮއްޖެހިގެން ތިބެން ޖެހޭތީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެކަމުގެ ޝަކުވާ އެޗްޑީސީއަށް ހުށަހަޅައިފައެވެ. ހިޔާ ފުލެޓުތަކުގައި އެތައް އާއިލާއެއް ދިރިއުޅެމުން އަންނަ އިރު، ހެނދުނު އޮފީހަށް ދާ ވަގުތާއި ސްކޫލަށް ދަރިވަރުން ގެންދާ ވަގުތު އާއްމު ގޮތެއްގައި ލިފްޓަށް ނޭރި، ތޮއްޖެހިގެން ތިބެން ޖެހެއެވެ.

އެޗްޑީސީން މިރޭ ބުނީ، ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މިސްކިތުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސަރަހައްދުގައި އިތުރު ވަގުތީ މިސްކިތެއް ބިނާކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފުލެޓުތައް ކައިރީގައި މިސްކިތެއް އެޅުމަށް އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެޗްޑީސީގެ ފަރުމާއަކަށް އަޅާ އެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިސްކިތަކީ އެތެރޭގައި 1400 މީހުންގެ ޖާގަ އަދި ކޯޓްޔާޑާ ލައިގެން 3000 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތެކެވެ.